25 Apr 2014, 17:37
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހުއްދަ ނެތި އެއިދާރާގެ ލޯގޯ އާއި އޭއެފްސީ ޗެލެންޖް ކަޕްގެ ލޯގޯ އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށް އެފްއޭއެމް އިން އަންގައިފިއެވެ.
އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު މިއަދު ވިދާޅުވީ، ރާއްޖޭގައި އަންނަ މަހު ބާއްވާ އޭއެފްސީ ޗެލެންޖްކަޕްގައި ބޭނުންކުރާ ލޯގޯ އާއި އެފްއޭއެމްގެ ލޯގޯ ދައްކުވައިދޭ ޓީޝާޓާއި އަތުގައި އަޅާ ޕެކެންފަދަ ތަކެތި ބައެއް ވިޔަފާރިވެރިން ނަހަމަ ގޮތުގައި ވިއްކަމުން އަންނަ ކަމުގެ މައުލޫމާތު އެއިދާރާއަށް ލިބިފައިވާ ކަމަށާއި އެކަންތައްތައް އެފަރާތް ތަކުން އެކުރަނީ އެފްއޭއެމްގެ ހުއްދައެއް ނުހޯދާ ކަމަށެވެ.
އިލްހާމް ވިދާޅުވީ، އެއްވެސް ބަޔަކު އެފްއޭއެމްގެ ލޯގޯ އާއި ޗެލެންޖްކަޕްގެ ލޯގޯ ހިމަނައިގެން އެއްވެސް ކަމެއް ކުރާނަމަ އެފްއޭއެމްގެ ހުއްދައެއް ހޯދަން ޖެހޭނެ ކަމަށެވެ.
"އެފްއޭއެމްގެ ލޯގޯ އާއި ޖެލެންޖް ކަޕްގެ ލޯގޯ ބޭނުން ބޭނުން ކޮށްގެން ބައެއް ވިޔަފާރި ވެރިން ޓީޝާޓާއި އެހެނިހެން ތަކެތި ބޭނުން ކުރެވޭނީ އެފްއޭއެމްގެ ހުއްދައާއެކު. މިހާރުވެސް އެފްއޭއެމްގެ ލޯގޯ ބޭނުން ކޮށްގެން ވިޔަފާރި ކުރާކަމުގެ މައުލޫމާތު ވަނީ ލިބިފަ،" އިލްހާމް ވިދާޅުވި އެވެ.
އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ފަހު، ދެން މި މުބާރާތް އިތުރަށް ކުރިއަށް ނުގެންދަން އޭއެފްސީގެ އެގްޒެކެޓިވް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާ އިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.