25 Apr 2014, 17:33
މި މަހުގެ 29 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބާއްވާ "އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑް 2014" ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފި އެވެ. މިދިޔަ ދެ އަހަރެކޭ އެއް ފަދައިން މި އަހަރު ވެސް މި އެވޯޑް ހަފުލާ އިންތިޒާމުކުރަނީ ހައިރައިޒްގެ ފަރާތުންނެވެ.
"އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑްސް 2014" ގެ ނަމުގައި މި އަހަރު މި އެވޯޑް ކުރިޔަށްދާ އިރު، މި އަހަރުގެ އެވޯޑް ހަފުލާގައި 31 ކެޓެގަރީ އަށް ހަ ފީޗާ ފިލްމާއި އަށް ކުރު ފިލްމު ބައިވެރިކޮށްފައިވެ އެވެ.
މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ބޯޑުން ހޮވާ ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ދިނުމާއި ބެލުންތެރިންގެ ނަޒަރުގައި އެންމެ މޮޅު ފީޗާ ފިލްމަށް އެވޯޑް ދިނުން ވެސް މި ހަފުލާގައި އޮންނާނެ އެވެ. ބެލުންތެރިންގެ ނަޒަރުގައި އެންމެ މޮޅު ފީޗާ ފިލްމު ހޮވަނީ އެސްއެމްއެސް އަށް ހުޅުވާލައިގެނެވެ.
ހައިރައިޒްގެ އެގްޒެކެޓިވް ޑައިރެކްޓަރު މޫސާ އިޒްމީލް ވިދާޅުވީ މި އެވޯޑަށް އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މީޑިއާ އެއް ހަމަޖެހިގެން މި ދަނީ މުޅީން އަލަށް ކަމަށާއި ސަން އޮންލައިން ފަދަ މަގުބޫލު މީޑިއާ އަކުން މި ދައުރު ވަރަށް ފުރިހަމަޔަށް އަދާ ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
"ސަން އޮންލައިން ފަދަ އެފިޝެންޓް މީޑިއާ ޓީމެއް މި އެވޯޑްގެ އޮންލައިން ޕާޓްނަރަކަށް ވުމުން އެއީ ފިމްލު އިންޑަސްޓްރީ އަށް ވެސް ލިބޭ ކުރިއެރުމެއް. އަދި މި އިވެންޓަށް ވެސް ލިބޭނެ ކާމިޔާބެއް،" އިޒްމީލް ވިދާޅުވި އެވެ.
ހައިރައިޒުގެ ފަރާތުން ވަނީ ފާއިތުވި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ވެސް ކާމިޔާބު ގިނަ އިވެންޓް ތަކެއް ހިންގައިފަ އެވެ. އޭގެ ތެރޭގައި ކޮލަންބޯ އާއި ކުއާލަލަމްޕޫރު ގައި ބޭއްވި "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯ އާއި ކޮލަންބޯގައި ބޭއްވި "ރަންވޭ ފެޝަން އިވެންޓް" އާއި ލަންކާގައި ބޭއްވި "އުނޫޝާގެ ކޮންސެޓް" ފާހަގަކޮށްލެވެ އެވެ.
"އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑްސް 2014" ގެ އޮންލައިން ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުމާ ގުޅިގެން ސަންގެ އޮފިޝަލަކު ވިދާޅުވީ މި އެވޯޑްގެ ކަވަރޭޖް ވީހާވެސް ފުރިހަމަ ކަމާއެކު ގެންދިޔުމަށް ޚާއްސަ މަސައްކަތްތަކެއް ސަން ޓީމުން ކުރާނެ ކަމަށެވެ.