އިންވެސްޓްމެންޓް ފޯރަމްގައި ތައާރަފް ކުރާ މަޝްރޫއުތަކުގެ ސަބަބުން ދެކުނު އޭޝިޔާ އާއި ދުނިޔޭގެ އެހެން ހިސާބުތަކާއެކު ވިޔަފާރިއާއި އުފެންދުންތެރިކަމުގެ ރޮނގުން ގުޅުވާލަދޭ މައި ނާރެހަކަށް ރާއްޖެ ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައި މިއަދު ފެށުނު ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ހެޔޮ ބަދަލަކީ މި ސަރުކާރުގެ މުހިއްމު އެއް ވައުދުކަމަށާއި އެކަމަށްޓަކައި ގެންނަވަންޖެހޭ ހުރިހާ ބަދަލެއް ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ގެންނެވުމަށް މި ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.

އެގޮތުން އިންވެސްޓްމަންޓް ފޯރަމްގައި މިއަދު ހުޅުވާލެވޭ މަޝްރޫއުތަކުގެ ސަބަބުން، އެ ވައުދު ފުއްދެވުމަށް ކުރެވޭ މަސައްކަތުގައި އަމިއްލަ ވިޔަފާރިވެރިންގެ ބައިވެރިވުމާއެކީ ކުރިއަށް ދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމިއްލަ ވިޔަފާރިވެރިންގެ ދައުރަކީ ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށާއި އިގްތިސާދު ފުޅާކުރުމަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއްކަމަށެވެ.

އިންވެސްޓްމަންޓް ފޯރަމްގައި ރާއްޖޭގައި މިހާރުވެސް ދިގު މުއްދަތަކަށް އިންވެސްޓް ކުރައްވާފައިވާ ބޭފުޅުންނާއި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ރާއްޖެއިން ބޭރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަމުންދާ ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ފަރާތްތަކުން އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެލެއްވުމަކީ ސަރުކާރުން އެކުލަވާލައްވާފައިވާ ރާއްޖޭގެ އިގްތިސާދާއި ވިޔަފާރީގެ ސިޔާސަތުތައް ރަނގަޅު މިސްރާބަށް ދަތުރުކުރާކަމުގެ ހިތްހަމަޖެހުމާއި ޔަގީންކަން ލިބިގެންދާކަމެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާރު އިންވެސްޓް ކުރައްވާފައިވާ ބޭފުޅުން ކާމިޔާބުކަމާއެކު އެ ވިޔަފާރި ކުރިއަށް ގެންދަވާކަން އެއީ ރާއްޖޭގައި އިންވެސްޓުކުރުމަށް އެހެން އިންވެސްޓަރުންގެ ޝައުގުވެރިކަމާއި އިތުބާރު އުފެދިގެންދާނޭ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އިގްތިސާދީ ތަސައްވުރަކީ ކުރިއަރަމުންދާ ކުޑަ އިގްތިސާދަކުން ހަރުދަނާ، ފުޅާ އަދި މުއްސަނދި އިގްތިސާދަކަށް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ބަދަލުވުންކަން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި ބޭރުގެ އިންވެސްޓްމަންޓްތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ބައިވެރިވުން ވަރަށް މުހިންމު ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖެ ތަރައްގީގެ އާ ހަރުފަތަކަށް މިހާރު އަރަމުން އެބަދާ ކަމަށާއި، މެދުފަންތީގެ ތަރައްގީވަމުން އަންނަ ކުޑަ ގައުމަކުން ހަރުދަނާ ފުރިހަމަ ޑިމޮކްރަސީއަކަށް ރާއްޖެ މިހާރު ބަދަލުވަމުން އަންނަ އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އިގްތިސާދު މުޅިން ބަދަލުކޮށްލާނެ ވަރަށް އުންމީދީ އިގްތިސާދީ އެޖެންޑާއަކަށް އިސްކަން ދެއްވައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ މިއަދު ބާއްވާ ފޯރަމަކީ އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ދެމެދު މެދުނުކެނޑި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ މިފަދަ އެހެން ހަރަކާތްތަކުގެ ފެށުން ކަމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަމާ ގުޅުން ހުރި ދާއިރާތައް ނޫން އެހެން ދާއިރާތަކުންވެސް ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ބޭރުގެ އިންވެސްޓްމަންޓްތަކަކީ އިގްތިސާދީ ކުރިއެރުމަށާއި ޕްރައިވެޓް ސެކްޓަރުގެ ތަރައްގީއަށާއި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރިކަމެއްކަމަށާއި ސަރުކާރުގެ ތަރައްގީގެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް އިންވެސްޓަރުންނާއެކު މަސައްކަތް ކުރެއްވުމަށް މި ސަރުކާރު ތައްޔާރަށް އޮތް ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ޔަގީން ކަން އަރުވާފަ އެވެ.