މޮސްކޯ (އެޕްރީލް 25) : ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ ރަޝިޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޔުކްރޭނުން ހިންގަމުން ގެންދާ ޢަސްކަރީ އޮޕަރޭޝަންތަކަކީ ނޭޓޯގެ އެހީއާ އެކު ޔުކްރޭނުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށާ އެޖަރީމާތަކާ ގުޅިގެން ޔުކްރޭންގެ ލީޑަރުންގެ މައްޗަށް ޝަރީޢަތް ހިންގޭނެ ކަމުގެ އިންޒާރު ރަޝިޔާ އިން ދީފި އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ޔުކްރޭންގެ ލީޑަރުން އެގައުމުގެ ރައްޔިތުން ކަތިލަމުން ގެންދާކަމަށާ އެކަމުގެ އަގު ވޭންދެނިވި ގޮތެއްގައި އެބޭފުޅުން ދައްކަވަންޖެހި އަދި އެބޭފުޅުން އަދާލަތަށް ވެސް ހާޒިރު ކުރެވޭނެ ކަމުގަ އެވެ. ލާވްރޯވް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ޔުކްރޭންގެ މައްސަލާގައި އެމެރިކާ އާއި ރަޝިޔާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވަނިކޮށެވެ. ބަހުގެ މިހަމަލާތަކަށް ފަހު ރަޝިޔާ އިން ވަނީ ޔުކްރޭންގެ އިރުމަތީގައި ހަރަކާތްތެރިވާ ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ޔުކްރޭނުން ހިންގަމުންގެންދާ އަސްކަރީ އޮޕަރޭޝަން ހުއްޓުވުމަށް ޓަކައި ޔުކްރޭންގެ ލީޑަރުންނަށް ފިއްތުންތައް ކުރިމަތި ކުރުމަށް އެމެރިކާ އަށް ގޮވާލާފަ އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީލާވްރޯވް ވިދާޅުވި ގޮތުގައި ޔުކްރޭންގެ އިރުމަތީގައި ހަރަކާތްތެރިވާ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ޔުކްރޭނުން ހިންގާ ލޭ އޮހޮރުވުންތަކަކީ ރަޝިޔާގެ މަސްލަހަތުތަކަށް އަރައިގަތުން ކަމަށާއި އެކަމަށް ރައްދުނުދީ ރަޝިޔާ ނޯންނާނެކަމުގަ އެވެ. ލާވްރޯވް ވަނީ ޖޯޖިޔާގެ ސަރަހައްދެއްކަމަށްވާ ދެކުނު އޮސީތިޔާގައި ދިރިއުޅޭ ރަޝިޔާ ދަރިކޮޅުގެ މީހުން ހިމާޔަތުގައި މީގެ އަހަރުތަކެއް ކުރިން އެސަރަހައްދަށް ރަޝިޔާ ސިފައިން އެރިގޮތަށް ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކަށް ވެސް ރަޝިޔާ ސިފައިން އަރަންޖެހިދާނެކަން ދޭހަވާ ފަދަ އިބާރާތަކުން ޔުކްރޭނަށް އިންޒާރު ދެއްވާފަ އެވެ.

ޔުކްރޭންގައި މިހާރު އޮތް ހުޅަނގަށް ތާއީދުކުރާ ސަރުކާރަކީ އެމެރިކާ އާއި ނޭޓޯ ކޮންޓްރޯލްކުރާ ސަރުކާރެއް ކަމަށާ އެސަރުކާރުން މަސައްކަތްކުރަނީ ރަޝިޔާގެ ސަރަހައްދުގެ ކައިރިއަށް ނޭޓޯ ފުޅާކޮށް ނޭޓޯގެ ބާރުތަކުން ރަޝިޔާ ވަށާލުމަށް ކަމަށާ އެކަން ކުރުމުގެ ފުރްސަތު ރަޝިޔާއިން ނުދޭނެ ކަމަށް ލާވްރޯވް ވިދާޅުވި އެވެ.

އަނެއްކޮޅުން ޔުކްރޭންގެ އިރުމަތީގައި ހަރަކާތްތެރިވާ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ޔުކްރޭންގެ ސަލާމަތީ ބާރުތަކުން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަނަށް ރައްދު ދިނުމުގެ ގޮތުން ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ރަޝިޔާގެ ލަޝްކަރުތަކުން ވެސް ވަނީ ޢަސްކަރީ ތަމްރީންތަކެއް ފަށާފަ އެވެ. ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގީ ޝުވިގޯ ވިދާޅުވީ މިއީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ ރަޝިޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ނޭޓޯއާ ގުޅިގެން ޔުކްރޭނުން ކުރިޔަށްގެންދާ ޢަސްކަރީ އޮޕަރޭޝަނަށް ރައްދު ދިނުމުގެ ގޮތުން ރަޝިޔާ އެޅި ފިޔަވަޅެއް ކަމުގަ އެވެ.

ރަޝިޔާ އިން ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އިއްޔެ ފެށި އަސްކަރީ ތަމްރީންތަކުގެ ބޭނުމާއި މަގްސަދު ރަސްމީ ސިފައެއްގައި ކުރިޔަށްއޮތް ކުރިޔަށް އޮތް 48 ގަޑީއިރު ތެރޭގައި ޔުކްރޭނަށް އަންގައި ދިނުމަށް އެގައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ރަޝިޔާއަށް އަންގާފަ އެވެ. އެވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ރަޝިޔާގެ އެތައް ހާސް ސިފައިންނެއް ބަރުހަތިޔާރާ އެކު ފަށާފައިވާ އަސްކަރީ ފަރިތަކުރުންތަކަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާ އެތަމްރީންތަކުގެ ބޭނުމާއި މަގްސަދު އެނގުމުގެ ހައްގު ޔޫރަޕްގެ އަމަނާއި އެއްބާރުލުމާބެހޭ ޖަމްއިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ޔުކްރޭނަށް ލިބިފައިވާ ކަމުގަ އެވެ.

ޔުކްރޭނަށް އިންޒާރު ދެއްވަމުން ރަޝިޔާގެ ދިފާއީ ވަޒީރު ވިދާޅުވެފައި ވަނީ ޔުކްރޭނުން ހަނގުރާމައިގެ ބެރުޖަހަމުންދާ ނަމަ އެކަމަށް ރައްދުދޭން ރަޝިޔާ އަށް ވެސް މަޖްބޫރުވާނެ ކަމަށާ މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ގިނަ އަދަދެއްގެ ބަޔަކު މަރުވެ އަދި އިތުރު ބަޔަކު ޒަޚަމްވެގެން ދިޔުންކަމުގަ އެވެ.

ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ވަކިވެގަތުމުގެ ހަރަކާތްތަކެއް ހިންގަމުން ގެންދާ ހަތިޔާރުއެޅި ޖަމާއަތްތަކަކީ ރަޝިޔާގެ ތާއީދު ލިބިގެން ހަރަކާތްތެރިވަމުންދާ ފަރާތްތަކެއް ޔުކްރޭނުން ތުހުމަތުކުރެ އެވެ. ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް ޔުކްރޭންގެ ސިފައިންނާއި ފުލުހުން ގުޅިގެން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންގައި އެޖަމާއަތްތަކަށް ނިސްބަތްވާ ފަސް މީހަކު އިއްޔެ މަރާލާފައިވާތީ ރަޝިޔާ ވަނީ ރުޅިގަދަވެފަ އެވެ. (ނޫސްއެޖެންސީތައް)