25 Apr 2014, 15:03
ކާބުލް (އެޕްރީލް 25) : އަފްޣާނިސްތާނުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތަ ނުލިބޭނެކަން މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ކަށަވަރުވެފައި ވާތީ މިއިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް އެގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ބުނެފި އެވެ.
އަފްޣާން އިންތިޚާބުތަކާ ބެހޭ ކޮމިޝަންގެ ރައީސް އަހްމަދު ޔޫސުފް ނޫރިސްތާނީ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ކުރީގައި އުޅުއްވަނީ އަބްދުﷲ އަބްދުﷲ ކަމަށާ އޭނާއަށް ވެސް ލިބިވަޑައިގެންފައި ވަނީ ސާޅީސް ތިނެއް ޕޮއިންޓް އަށެއް އިން ސައްތަ ވޯޓު ކަމުގަ އެވެ. ޢަބްދުﷲ އާ އެންމެ ގާތުން ވާދަކުރައް ވަނީ އަޝްރަފް ޣަނީ އަހްމަދު ޒައި އެވެ. އޭނާ އަށް ވެސްލިބިވަޑައިގެންފައި ވަނީ ތެއްތިރީސް އިންސައްތަ ވޯޓެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުތަކުގެ ތެރޭން މިހާތަނަށް ނުގުނި ވަނީ އެންމެ 17 އިންސައްތަ ވޯޓު ކަމަށް ވެސް ނޫރިސްތާނީ ވިދާޅުވި އެވެ. ނަމަވެސް ދެވަނަ ބުރު ބާއްވާނެ ތާރީޚެއް އަފްޣާން އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އަފްޣާން އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައް ވާނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެކެންޑިޑޭޓުންނެވެ. އެހެންކަމުން ދެވަނަ ބުރުގައި ވާދަކުރައްވާނެ ކަމަށް ބެލެވިފައި ވަނީ އަބްދުﷲ އަބްދުﷲ އާއި އަޝްރަފް ޣަނީ އަހްމަދު ޒައި އެވެ. އަބްދުﷲ އަބްދުﷲ އަކީ ކުރީގެ ޚާރިޖީ ވަޒީރެކެވެ. އަޝްރަފް ޣަނީއަކީ ކުރީގެ މާލީ ވަޒީރެކެވެ.(ރޮއިޓާސް)