ހިފާފައިވާ ގުދްސު (އެޕްރީލް 25) : ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެންމެ ބޮޑު ދެޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތާއި ފަތްހު ޖަމާއަތާ ދެމެދުގައިވާ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް އެދެޖަމާއަތުން އެއްބަސްވި އެއްބަސްވުމާ ދެކޮޅު ހެދުމުގެ ގޮތުން، ފަލަސްތީނާ އެކު ކުރިޔަށްގެންދިޔަ ސުލްހައިގެ ވާހަކަތައް މުޅިން ހުއްޓާލިކަން އިސްރާއީލުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫގެ ސަރުކާރުގެ ކެބިނެޓްގެ އަމަނާބެހޭ ކޮމިޓީގެ ކުއްލި ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޙަމާސްޖަމާއަތާ ބައިވެރިވެގެން އެކުލަވާލާ ފަލަސްތީނުގެ ސަރުކާރެއް އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށާ އެސަރުކާރާއެކު އިސްރާއީލުން އެއްވެސް މުއާމަލާތެއް ވެސް ނުކުރާނެ ކަމުގަ އެވެ. އަދި އިސްރާއީލުން ފަލަސްތީނާ އެކު ކުރިޔަށްގެން ދިޔަ ސުލްހައިގެ ވާހަކަތައް ވެސް ޙަމާސް އާއި ފަތްހުގެ އެއްބަސްވުމާ ގުޅިގެން މުއްދަތެއްނެތި ހުއްޓާލުމަށް ނިންމާފައިވާ ކަމަށްވެސް އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގެ އަމަނާބެހޭ ކޮމިޓީން ނެރުނު ބަޔާން ބުނެ އެވެ.

ޙަމާސް އާއި ފަތްހު ޖަމާއަތުގެ މިއެއްބަސްވުމާ ގުޅިގެން އެމެރިކާ ވެސް ވަނީ ހިތްހަމަ ނުޖެހޭކަން ހާމަކޮށް ފަލަސްތީނަށް ދެމުންގެންދާ މާލީ އެހީތައް ކަނޑާލާނެ ކަމުގެ އިންޒާރު ދީފަ އެވެ. ފަލަސްތީނުގެ މަސްއޫލުވެރިއެއް ކަމަށްވާ ސާއިބު އުރައިގަތު ވަނީ އިސްރާއީލުގެ މިބިރުދެއްކުންތަކާ ގުޅިގެން ފަހަތަށް ނުޖެހޭނެކަން ހާމަކުރައްވައި އިސްރާއީލަށް ރައްދު ދިނުމާބެހޭގޮތުން ފަލަސްތީނުގެ ސަރުކާރުން ވިސްނަމުގެންދާ ކަމަށް ވިދާޅުވެފަ އެވެ.

ޙަމާސް ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ އިސްމާޢީލް ހަނިއްޔާ، ރައީސް މަހްމޫދު ޢައްބާސް އަށް ގޮވާލައްވާފައި ވަނީ އިސްރާއީލާއި އެމެރިކާގެ ބިރުދެއްކުންތަކާ ގުޅިގެން ފަހަތަށް ޖެހިވަޑައިނުގަތުމަށާއި ފަލަސްތީނުގެ ޖަމާއަތްތަކުގެ ދެމެދުގައި ފިތްނަ އުފައްދައިގެން ފަލަސްތީނުގެ ރައްޔިތުން ބައިބައިކޮށް އެއްބަޔަކު އަނެއްބަޔަކާ ޖެއްސުމުގެ ފުރްސަތު ފަލަސްތީނުގެ ދުޝްމަނުންނަށް ދެން ނުދިނުމަށެވެ. ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޙަމާސް ޖަމާއަތުން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ހަތިޔާރުގެ ޖިހާދެއް ކުރަމުން ގެންދާތީ އެމެރިކާ އާއި އިސްރާއީލުން ޙަމާސް ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގަ އެވެ.

އަދި ޙަމާސުން ވެސް އިސްރާއީލު ސިފަކުރަނީ ފަލަސްތީނުގެ ވުޖޫދަށް ނުރައްކާކުރާ ޔަހޫދީ ޓެރަރިސްޓް ގައުމެއްގެ ގޮތުގައެވެ. (ނޫސްއެޖެންސީތައް)