މީހުން ދިރިއުޅުމަށް ބިމެއް ހިއްކައިދީފިނަމަ އެ ބިމުގެ 50 ޕަސެންޓް ބިން ހިއްކާ ފަރާތައް އަމިއްލަވާ ގޮތަށް ބިމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާޙް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމެޓީން ފާސްކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން ބާޑިޖަހައިގެން އަމިއްލައަށް މޫދުން ބިން ހިއްކައިގެން ދިރިއުޅުމަށް ދޫކުރާ ގޯތިން ހިއްކާ ބިމުގެ 50 ޕަސެންޓް ބިން ހިއްކާ ފަރާތަށް އިތުރު އަގެއް ސަރުކާރަށް ދެއްކުމަކާއި ނުލައި އަމިއްލަ ކުރުމުގެ އިޙްތިޔާރު ބިން ހިއްކާ ފަރާތަށް ލިބިދެވެ އެވެ. އަދި އެގޮތަށް އެ ބިން އަމިއްލަ ކުރުމުގެ އިހްތިޔާރު ލިބިދެވޭނީ ރަށްރަށުގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނުގެ ދަށުން ލިބިފައިވާ އިހްތިޔާރުގެ ދަށުންނާއި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފާސްކުރާ ލޭންޑް ޔޫސް ޕްލޭނާ އެގޮތަށެވެ.

ބިމާ ބެހޭ ގާނޫނަށް ނާޒިމް ރަޝާދު އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ރައީސް ވަހީދުގެ ވެރިކަމުގައި ނޮވެމްބަރު 13، 2012 ގަ އެވެ. ބިން ހިއްކާ ފަރާތައް ބިމުގެ 50 ޕަސެންޓް ލިބޭ ގޮތަށް އިސްލާހު ހުށަހަޅާފައި ވަނީ ބިމާ ބެހޭ ގާނޫނަށް އިތުރު ކުރާ ވަކި މާއްދާއްގެ ގޮތުގަ އެވެ.

ނާޒިމް ރަޝާދު ހުށަހެޅުއްވި އިސްލާޙްގައި އިތުރަށް ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނު ވުޖޫދަށް އައުމުގެ ކުރިން އެ އުސޫލުން ދިރިއުޅުމަށް ހިއްކަފައިވާ ބިން ބިމާއި ގޯތިގޯއްޗާއި މެދުގައި ވެސް އަމަލުކުރަން ޖެހޭނީ އެ އުސޫލުގެ ދަށުން ކަމަށެވެ.

އަމިއްލަ ފަރުދުންނަށް އެއްގޯތި އަނެއްގޯއްޗާ ބަދަލު ކުރެވިދާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އެގޮތުން އަމިއްލަ ބިން ކަމުގައި ބަޔާންކުރާ ބިން އަމިއްލަ ބިމަކާއި ލާޖެއްސުމަށް ގާނޫނު ހުރަހެއް ނާޅާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިމާ ބެހޭ ގާނޫނަށް ނާޒިމް ރަޝާދު ހުށަހެޅުއްވި އިސްލާހު ކޮމެޓީން ފާސްކޮށް މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. އަންނަ ހަފްތާގައި ބާއްވާ މަޖިލީހުގެ ފަހު ޖަލްސާތަކުގައި އެ މައްސަލަ އެޖެންޑާ ކުރާނެ އެވެ.