25 Apr 2014, 10:03
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް އެފަދަ އެކްސިޑެންޓުތައް އިތުރުވަމުންދާތީ އައްޑޫގެ މަގުތަކުގެ ހާލަތު ބަލައި ފުލް އެސެސްމަންޓެއް ހެދުމަށް ޓްރާސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ އައްޑޫ ސިޓީގެ މަގުތަކުގެ ހާލަތު ބަލައި އެތަނަކީ ރައްކާތެރިތަނަކަށް ހެދުމަށް ކަމާ ގުޅުން ހުރި ފަންނީ ބޭފުޅުންގެ ޓީމަކުން ފުލް އެސެސްމަންޓެއް ހެދުމަށް އަންނަ ހަފްތާގައި އެ ސިޓީއަށް ފުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރާނީ ޓްރާސްޕޯޓް އޮތޯރިޓީން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އައްޑޫ ސިޓީގައި ތާރުއެޅި މަގުތަކުގެ ސަލާމަތީ މިންގަނޑުތަކާ މެދު އާންމު ފަރާތްތަކުގެ ޝަކުވާ ލިބެމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެ ސިޓީގެ މަގުތަކާ ބެހޭ އެސެސްމަންޓެއް ހެދުމުން، އާންމު ސަލާމަތީ މިންގަނޑުތަކަށް މަގުތައް ފެއްތުމަށް ކުރަންޖެހޭ މަސައްކަތް ހަރުދަނާކަމާއެކު ތަންފީޒު ކުރެވޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މާލޭގެ މަގުތަކުގެ ހާލަތާ ބެހޭ ގޮތުން ވެސް އެސެސްމަންޓެއް ހަދަން ނިންމާފައިވާ ކަމަށެވެ.
އައްޑޫ ސިޓީ، ހިތަދޫ ބޮޑުމަގުގައި މިދިޔަ ހަފްތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ވަނީ މަރުވެފަ އެވެ. އޭނާ މަރުވެފައި ވަނީ އެކްސިޑެންޓުގައި ބޮލުގެ ނާށިގަނޑަށް ލިބުނު ގެއްލުންތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންދަނިކޮށެވެ.
މިއަހަރު ތެރޭގައި ވެސް އައްޑޫގައި ނުރައްކާތެރި ހަތް އެކްސިޑެންޓް ހިނާފައިވެ އެވެ. އެ އެކްސިޑެންޓުތަކުގައި ލިބޭ ބޮޑެތި ގެއްލުންތަކުން ނުކުޅެދޭ ހާލަތަށް ވެސް މީހުން ދާންޖެހެ އެވެ.