މަތިންދާބޯޓް އެމްއެޗް 370 އާއި އެބޯޓުން ދަތުކުރި މީހުން ގެއްލިފައިވާ ކަމަށް އަދި ރަސްމީކޮށް އިއުލާން ކުރަން ތައްޔާރު ނުވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައެވެ.

" ކޮންމެވެސް އިރަކުން އަޅުގަނޑު އެކަމަށް ތައްޔާރުވާނެ. އެކަމަކު އަޅުގަނޑު ބޭނުންވަނީ ވާރިސުންގެ އިހުސާސްތަކަށް އިހުތިރާމްކުރަން. އޭގެ ތެރެއިން ބައެއް މީހުން ވަރުގަދަ ހެކި ނުލިބެނީސް އެކަން ( މަތިންދާބޯޓާއި ދަތުކުރިމީހުން ގެއްލިފައިވާކަން) ގަބޫލު ނުކުރާނެ ކަމަށް އާއްމުންގެ ކުރިމަތީގައި ބުނެފައި،" ރައްޒާގު ވިދާޅުވި ކަމަށް ސީއެންއެން ބުންޏެވެ.

މަތިންދާބޯޓް ގެއްލުނު ހާދިސާއާ ބެހޭ ވަގުތީ ރިޕޯޓް އަންނަ ހަފުތާގައި އާއްމު ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވެފައި ވަނީ އެރިޕޯޓް މިހާރު ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަޖީބު މިއަދު މިހެން ވިދާޅުވި ނަމަވެސް މަތިންދާބޯޓް އެމްއެޗް 370 ގެއްލިފައިވާ ކަމަށާއި އެބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށް ބުނެ، މެލޭޝިއާ ސަރުކާރުން ވަނީ މީގެ އެއް މަސްދުވަސް ކުރިން މެސެޖް ފޮނުވާފައެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.