މަކީޓާ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ޖަމާލުއްދީން ސްކޫލުން ހޯދައިފި އެވެ.

ޖަމާލުއްދީން ސްކޫލޫން ތަށި މިއަދު އުފުލާލީ ފައިނަލުގައި ކަލާފާން ސްކޫލާ ވާދަކޮށް 2-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

އެފްއޭއެމްގެ ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ކަލާފާން ކޮޅާށް ޖަމާލުއްދީން ސްކޫޅުން ޖެހި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާ އާއި މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމް ދިފާއުކުރި އިބްރާހިމް ލޫތެވެ.

ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކޮށްދެވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިލްހާމް އަހުމަދެވެ. މިއަދުގެ މެޗް ބައްލަވައިލެއްވުމަށްޓަކައި އެފްއޭއެމްގެ އިސްވެރިންގެ އިތުރުން ޖަމާލުއްދީން ސްކޫލާއި ކަލާފާން ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރުންނާއި އަދި ބެލެނުވެރިން ބައިވެރިވެފައި ވެއެވެ.

ވާދަވެރި ކުޅުމަކަށްފަހު ޖަމާލުއްދީން އަތުން ކަލާފާން މިއަދު ބަލިވި ނަމަވެސް އެޓީމަށް ވަނީ މުބާރާތުގެ ފެއާޕުލޭ ޓީމުގެ މަގާމް ލިބިފައެވެ.

މިއަދުގެ މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތައް ހާސިލް ކުރި ޓީމް ތަކާއި ވަނަތައް ހޯދި ކުޅުންތެރިން ފާހަގަ ކޮށް އެކުޅުންތެރިނަށްވަނީ އިނާމާއި ހަދާނީ ލިޔުން ދެއްވާފައެވެ. އެގޮތުން މުޅި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޖަމާލުއްދީނުގެ އަހްމަދު ނީޝާމްއެވެ. މުބާރާުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ކަލާފާނުގެ ރިޝްވާން އަހްމަދެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ކަލާފާނުގެ ސައިފާން އަހުމަދު މަނިކު ހޮވުނު އިރު އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ދަރުމަވަންތަ ސްކޫލުގެ އަހްމަދު ފިރާޝް އެވެ.

މީގެއިތުރުން މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ކަލާފާނުގެ މުހައްމަދު ޝަފްރާޒް ހޮވުނުއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމް ލިބުނީ އިމާދުއްދީނުގެ މުހައްމަދު އަނަސް އަށެވެ.