އުރީދޫ މޯލްޑިވްސް މެދުވެރިކޮށް، އަންގްސާނާ އިހުރު ރިސޯޓުން ކުރިއަށްގެންދާ 24 ގަޑިއިރުގެ ޑައިވް އިވެންޓް މުޅި ދުނިޔެ އަށް ލައިވްކޮށް ދައްކާލުމަށް ނިންމައިފި އެވެ.

އުރީދޫ އިން ބުނީ، އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މާދަމާ އަންގްސާނާ އިހުރި ރިސޯޓްގެ ފަރުކައިރިން ކަމަށެވެ. އަދި މިއިވެންޓަކީ ރަންނަމާރި ބޯޓު އަޑިއަށް ދިޔަތާ 15 އަހަރު ފުރޭ މުނާސަބަތުކަން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރިހަމަ އަދި އެންމެ ހަލުވި 3 ޖީ ޕްލަސް އަދި 4 ޖީ ނެޓްވީކް ގާއިމުކޮށްފައިވާ އުރީދޫ މޯލްޑިވްސް އިން، ޔޫޓިއުބް ލައިވްް ސްޓްރީމް މެދުވެރިކޮށް ފަސޭހަކަމާ އެކީ ކަނޑު އަޑީގެ ރީތި މަންޒަރުތައް އެ ހަރަކާތުގައި ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫން ބުނީ، މިހަރާކާތުގެ މަގްސަދަކީ ރަންނަމާރި ބޯޓް އަޑިއަށް ދިޔަތާ 15 އަހަރު ފުރުން ފާހަގަ ކުރުމުގެ އިތުރުން، އިންޑިއާ ކަނޑުގެ ރީތިކަމާއި ފުރިހަމަކަން މުޅި ދިނިޔެއަށް ދައްކާލުމާ އެކު މިނާޒުކު ފަރުތަކާއި މުރަކަތައް ރައްކާތެރިކަމާ އެކު ދެމެހެއްޓުމުގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި މިމަންޒަރުތައް ލައިވް ކުރުމަށް ހަމަޖެހިފައި ވަނީ ކަނޑުއަޑީގެ ހާއްސަ ކެމެރާތަކަކުން ކަމަށް ވެސް އުރީ ދޫއިން މައުލޫމާތުދެ އެވެ.

އަންގްސާނާ ރިސޯޓްގެ ފަރުކައިރި އަށް 1999 ވަނަ އަހަރު އަޑިއަށް ދިޔަ ރަންނަމާރި ބޯޓަކީ މިހާރު އާޓިފިޝަލް ފަރަކަށް ބަދަލުވެފައިވާ ކަނޑުއަޑީގެ އެތައް ރީތި މަސްމަހާމެހި ފެނިގެންދާ 28 މީޓަރުގެ ފަރެކެވެ.

އުރީދޫ އިން މިހަރަކާތް ލައިވް ސްޓްރީމް ކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މީހުންނަށް، އިންޑިއާ ކަނޑުގެ ރީތިކަން ފެނިގެންދާނެ ކަމަށާއި މިހަރަކާތް ފޭސްބުކް، ޓުވިޓާ އަދި ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރާނެ ކަމަށް އުރީދޫ އިން މައުލޫމާތު ދެ އެވެ.