ރާއްޖެ އާއި އިންޑިއާއާ ދެމެދު ތައުލީމީ ދާއިރާ އިން އޮތް ގާތް ގުޅުން އެގޮތުގައި ދެމި އޮންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ވިދާޅުވެއްޖެ އެވެ.

ޝަހާރޭ މިމޭރުމުން ވާހަކަފުޅު ދެއްކެވީ އިންޑިއާގެ މަޝްހޫރު ޓައިމްސް އޮފް އިންޑިއާ ނޫހުން އިންތިޒާމްކޮށްގެން ރާއްޖޭގައި މާދަމާ ފަށާ އެޑިއުކޭޝަން ފެއާ އާ ގުޅިގެން މިރޭ ބޭއްވި ޖާފަތެއްގަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި 2400 އާ ގާތްކުރާ އަދަދެއްގެ އިންޑިއާ ޓީޗަރުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެއީ ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ވަރަށް މުހިއްމު ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.

"... އެބޭފުޅުންނަކީ (އިންޑިއާ ޓީޗަރުންނަކީ) މިތަނުގައި ވަރަށް ވަރުގަދަ ބާރެއް. އެބޭފުޅުންގެ ހިދުމަތުގެ އަގު ދިވެހި ސަރުކާރުން ވަޒަންކޮށް، ވަރަށް ބޮޑަށް ފާހަގަކުރޭ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މިބައި އެގޮތުގައި ދެމި އޮންނާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" ދެގައުމުގެ ދެމެދު ތައުލީމީ ދާއިރާގައި އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝަހާރޭ ވިދާޅުވި އެވެ.

އިންޑިއާގައި ހުރި ތައުލީމީ ފުރުސަތު ތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އިންޑިއާ އަކީ އަގުހެޔޮކޮށް ތައުލީމު ލިބެން އޮތް ގައުމެއް ކަމަށެވެ. އަދި އެގައުމުން ލިބޭ ތައުލީމު ރާއްޖޭގެ ކަރިކިއުލަމްއަށް ފެތޭ ކަން ވެސް ފާހަގަ ކުރެއްވި އެވެ.

އިންޑިއާ ހައިކޮމިޝަންގެ އެއްބާރުލުމާ އެކު، މަޝްހޫރު ޓައިމްސް އޮފް އިންޑިއާ ގްރޫޕް ވަނީ 25-26 އޭޕްރިލް 2014 ގައި ާ "ޓައިމްސް އިންޑިއާ އެޑިއުކޭޝަން އެކްސްޕޯ"ގެ ނަމުގައި ނަސަންދުރާ ޕެލަސް ހޮޓެލްގައި ބާއްވާ އެކްސްޕޯގައި އޮންނާނީ ދިވެހި ކިޔަވާ ކުދިންނަށް އިންޑިއާގައި ލިބެން ހުރި ތަޢުލީމީ ފުރުސަތުތަކާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމެވެ.

އަދި އިންޑިއާ ސަރުކާރުން މަތީ ތަޢުލީމު ހާސިލްކުރަން ޝައުޤުވެރިވާ ދިވެހި ކިޔަވާ ކުދިންނަށް ކޮންމެ އަހަރަކު ދޭ 100 ސްކޮލަޝިޕް އާ ބެހޭ މަޢުލޫމާތު ދިނުމަށް ހައިކޮމިޝަން އޮފް އިންޑިއާއިން ވެސް އެ ހަރަކާތުގައި ބައިވެރިވާނެ އެވެ.

އާންމުންނަށް ހުޅުވާލައިގެން ހިލޭ ވަދެވޭ މި އެގްޒިބިޝަން އޮންނާނީ 25 އޭޕްރިލް 2014 ވާ ހުކުރު ދުވަހު ހަވީރު 4 – ރޭގަނޑު 9 އަދި 26 އޭޕްރިލް 2014 ވާ ހޮނިހިރު ދުވަހު ހެނދުނު 10 – ރޭގަނޑު 9 އަކަށެވެ.