ގދ. ތިނަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކު ލައްވައި ފައިސާއަށް ހަށިވިއްކުވި ކަމަށް ތުހުމަތު ކުރެވޭ އެރަށު ޖަންބުގަސްދޮށުގޭ ސިޔާމް މުހައްމަދު ހައްޔަރު ކުރުމަށް ހައިކޯޓުން މިއަދު އަމުރު ނެރެފައި ވަނިކޮށް، އެރަށު ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ކުއްޖަކު ލައްވައި ފައިސާއަށް ހަށިވިއްކުވި ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރިއަރީ މަހުގެ ތެރޭގައި ސިޔާމް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ ކޯޓަށް ގެންދިޔުމުން ފަސް ދުވަހުގެ މުއްދަތަށް އޭނާގެ ބަންދުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް އޭނާ ކޯޓަށް ގެންދިޔުމުން ތިނަދޫ ކޯޓުން އޭނާ ގޭބަންދަށް ބަދަލުކުރި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ތިނަދޫ ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ހައްޔަރު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ހައިކޯޓުގެ އަމުރަށް އޭނާ ހައްޔަރުކޮށް، 24 ގަޑިއިރު ހަމަވުމުގެ ކުރިން ބަންދާމެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލީ ކޯޓަށް ގެންދިޔުމުން އެ ކޯޓުން އަނެއްކާ ވެސް އޭނާ ގޭބަންދަށް ބަދަލުކުރި ކަމަށެވެ.

ވިލިނގިލީ ކޯޓުން ސިޔާމް ގޭބަންދަށް ބަދަލުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލައިގެ ބާވަތުން އޭނާ ހައްޔަރު ކުރުމަށް މިއަދު 2:00 ގައި އޭނާ ހައްޔަރުކޮށް، 24 ގަޑިއިރު ހަމަވުމުގެ ކުރިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ހަވީރު ތިނަދޫ ކޯޓަށް ގެންދިޔުމުން އޭނާ މުޅިން ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ޖުމްލަ ހަތް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެ އެންމެން ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރިއަރީ މަހުގެ 15 ވަނަ ދުވަހުގެ ދަންވަރު 3:30 އެހައިކަންހާއިރު ތިނަދޫ ގެސްޓް ހައުސްއެއްގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކު ލައްވައި ފައިސާއަށް ހަށިވިއްކަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ފިރިހެނުން ކަމަށާއި އޭގެ ތެރެއިން 18 އަހަރުގެ މީހާއަކީ ކުޑަކުއްޖަކާއި ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގދ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރާއި ގުޅިގެން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.