ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ހުރިހާ ދާއިރާއެއްގެ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފި އެވެ.


އިލެކްޝަންސް ކޮމިޝަނުން ބުނީ 2011 ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބްގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ ހައިކޯޓްގެ އަމުރަކާ ގުޅިގެން ފަސްކޮށްފައި އޮތް މ. އަތޮޅު، އަތޮޅު ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން ހައިކޯޓުގެ ހުކުމުގައިވާ ގޮތުގެ މަތީން ޢަމަލުކޮށް، މ. އަތޮޅު، އަތޮޅު ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން މިއަދު ހެނދުނު އެ އަތޮޅު މުލީގައި ބާއްވާފައިވާ ކަމަށެވެ.


މ. އަތޮޅު، އަތޮޅު ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާ އެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބްގައި 2011ގައި ވާދަކުރާ 2775 ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލައި، އެ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު ކެންޑިޑޭޓުންނާ ބެހޭ މަޢުލޫމާތު އާންމުކޮށް އިޢުލާން ކޮށްފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.


ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު 2011 ގައި ވާދަކުރާ ކެންޑިޑޭޓުންގެ މަޢުލޫމާތު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިޢުލާން ކުރުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި އާންމު ކޮށްފައިވާނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.