27 Mar 2010, 10:41
14:30
މުޅި ދުނިޔޭގައި މިއަދު ފާހަގުކުރުމަށް ހަމަޖެހިފައިވާ އާތު އަވާ ޕްރޮގްރާމްގެ ދަށުން، މަނާކޮށްފައިވާ ވަގުތުތަކުގައި ހުއްދަ ދީފައިވާ ވެހިކަލްތައް ފިޔަވައި އެހެން ވެހިކަލެއް ދުއްވުމަކީ މަނާކަމެއް ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
މި އަހަރުގެ އާތު އަވާ ފާހަގަކުރުމަށް ރާއްޖޭގައި ހިންގާ ޕްރޮގްރާމާ ގުޅުވައިގެން، މިއަދު ހަވީރު 4:00 ން މެންދަމު 12:00 އަށް، ފައިމަގުގައި އުޅޭ ގޮތަށް އެންވަޔަރަމަންޓް މިނިސްޓްރީން ހަމަޖައްސައި ކޮންމެހެން ކަރަންޓުން ކުރަން ނުޖެހޭ ކަންތައްތައް ނުކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މިދިޔަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކޮށް، އެއް ގަޑިއިރުގެ ތެރޭގައި ތިން މެގަވޮޓްގެ ކަރަންޓު ވަނީ ސަލާމަތްކޮށްފަ އެވެ.
އާތު އަވާ ފާހަގަކުރާނީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހު އެ ގައުމެއްގެ ރޭގަނޑު 8:30 ން 9:30 އަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު ހަވީރު 4:00 ން މެންދަމު 12:00 އަށް، ފައިމަގުގައި އުޅޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފައިވުމާ އެކު، އެ ގޮތަށް ކަންތައްތައް ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރާ ކަމަށެވެ. އަދި ގާނޫނާ ޚިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.