24 Apr 2014, 17:47
ށ. ކަނޑިތީމަށް އިއްޔެ ހޮނުއަޅައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ކަނޑިތީމު ކައުންސިލްގެ ރައީސް އަލީ ރިފާޒް "ސަން" އަށް ވިދާޅުވީ، އެ ރަށުގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ އަމިއްލަ ބައެއް ކަމަށްވާ، ކޯއެކްސް ނެޓްގެ އެންޓަނާ އަކަށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ހޮނު އަޅައި، އެތަނުގައި ބޭނުންކުރާ ގިނަ ތަކެއްޗަށް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
ކޯއެކްސް ނެޓްގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ސަން އަށް ވިދާޅުވީ އެތަނުން އިންޓަނެޓްގެ ހިދުމަތް ދިނުމަށް ހަދާފައިހުރި 65 ފޫޓްގެ އެންޓަނާއަށް ހޮނު އެޅުމުގެ ސަބަބުން އެތަނުގައި ބޭނުންކުރާ ހުރިހާ ސާމާނެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
"އެތަނުން އިންޓަނެޓް ދޭން ބޭނުންކުރާ ފަސް އިކުއިޕްމަންޓާއި ޕަވާ ބެކަޕް ސިސްޓަމާއި ޑެކްސްޓޮޕް ކޮމްޕިއުޓަރަކާއި ލެޕްޓޮޕެއް ވެސް ވަނީ ހަަލާކުވެފަ. މިހާރު އެ ސާމާނު ހެދުމުގެ މަސައްކަތް މި ދަނީ ކުރަމުން. ހޮނު އެޅުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އަގު ގާތްގަނޑަކަށް ލައްކަ އެއްހާ ރުފިޔާއަށް އަރާނެ،" އޭނާ ބުންޏެވެ.
އޭގެ އިތުރުން އިއްޔެ ހޮނު އެޅުމުގެ ސަބަބުން ރަށުގެ ހަ ގެއެއްގައި ހުރި ބައެއް ކަރަންޓް ސާމާނަށާއި ރަށުގައި ހުންނަ ރައްޔިތުންގެ ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ތަނުގައި ހުރި ބައެއް ރިސީވަރުތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.