ބައިރޫތު (އެޕްރީލް 24) : ލުބްނާނުގެ ރައީސް ކަމަށް އައު ބޭފުޅަކު އިންތިޚާބު ކުރުމަށް އެގައުމުގެ ޕާލަމެންޓުން ބޭއްވި ޖަލްސާ ކޯރަމް ހަމަނުވުމާއެކު ކުރިޔަށްނުގެންދެވިގެން ނިންމާލައިފި އެވެ.

ލުބްނާނުގެ ޕާލަމެންޓްގެ ރައީސް ނަބީހް ބައްރީ ވިދާޅުވީ ލުބްނާނުގެ ރައީސް ކަމަށް އައު ބޭފުޅަކު އިންތިޚާބު ކުރުމަށް ޕާލަމެންޓްގެ ޖަލްސާއެއް ދެން ބާއްވާނީ އަންނަ ހަފްތާގެ ބުދަދުވަހު ކަމުގައެވެ. ލުބްނާނުގެ ރިޔާސަތަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޕާލަމެންޓްގެ ތާއީދު އެންމެ ބޮޑު ކެންޑިޑޭޓަކީ ކުރީގެ ނަސާރާ މިލީޝިޔާ ލީޑަރެއް ކަމަށްވާ ސަމީރު ޖަޢްޖައު އެވެ. އޭނާއަކީ އިދިކޮޅު ސިޔާސީ ލީޑަރަކު އަވަހާރަކޮށްލުމުގެ ފަހަތުގައި ހުންނެވިކަމުގެ ކުށްސާބިތުވެގެން 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ ހަރުކަށި ޚިޔާލުގެ ބޭފުޅެކެވެ.

ސަމީރު ޖަޢުޖައު އަކީ 1975 ން 1990 އަށް ލުބްނާނުގެ މުސްލިމުންނާއި ނަސާރާއިންނާދެމެދު ހިނގައިދިޔަ ދާޚިލީ ހަނގުރާމައިގާ ލުބްނާނުގެ މުސްލިމުންނާ އަދި އެގައުމުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ގޮތެއްގައި ހަރަކާތްތެރިވި މެރޮނައިޓް ނަސާރާ ކަތާއިބު މިލީޝިޔާގައި ހަނގުރާމަވެރިއެއްގެ ގޮތުގައާއި ކޮމާންޑަރެއްގެ ގޮތުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ އިސްރާއީލާ ގުޅުންބޮޑު ބޭފުޅެކެވެ. ނަމަވެސް ލުބްނާނުގެ ދާޚިލީ ހަނގުރާމަ ނިމުމަށްފަހު ޖައުޖައުވަނީ އިސްރާއީލާ ގުޅުންތައް ކަނޑާލާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ލުބްނާނުގެ ދާޚިލީ ހަނގުރާމަ ނިމުމަށްފަހު ސަމީރު ޖަޢުޖައުވަނީ ނާސާރާ ކަތާއިބު ޕާޓީގެ ރައީސް ކަންވެސް އަދާކުރައްވާފައެވެ.

ލުބްނާނުގެ ދަސްތޫރު ބުނާގޮތުން އެގައުމުގެ ޖުމްހޫރިއްޔާގެ ރައީސަކަށް އިންތިޚާބު ކުރަންޖެހޭނީ ނަސާރާއިންގެ މެރޮނައިޓްމަޛުހަބަށް ނިސްބަތްވާ ބޭފުޅެކެވެ. ބޮޑުވަޒީރަކަށް އައްޔަން ކުރަންޖެހޭނީ ޕާލަމެންޓްގައި އައްލަބިއްޔަތު އޮންނަ ޕާޓީ ނޫނީ ކޯލިޝަނަކަށް ނިސްބަތްވާ ސުންނީ މުސްލިމެކެވެ. އަދި ޕާލަމެންޓްގެ ރައީސަކަށް އިންތިޚާބު ކުރަންޖެހޭނީ ޝިޔައީ މުސްލިމެކެވެ.

ލުބްނާނުގެ މިހާރުގެ ރައީސް މިޝައިލް ސުލައިމާންގެ ރިޔާސީ ދައުރު އަންނަ މޭމަހުގެ 25 ގައި ހަމާވާނެއެވެ. (އަލްޖަޒީރާ)