24 Apr 2014, 16:38
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ހުޅުވާލި ދެ ވަނަ ފުރުސަތުގައި ފަސް ބޭފުޅަކު އަނެއްކާވެސް ކުރިމަތިލައްވައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ކުރިން ވެސް އެ މަގާމަށް ވާދަ ކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ ނަމެއް މުއާޒު ހާމައެއް ނުކުރައްވަ އެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގައި ވެސް ފަސް ބޭފުޅަކު ނަން ހުށަހެޅުއްވި އެވެ. އެ ފަސް ބޭފުޅުންނަކީ ހ. މީނާޒް މައުމޫން ހަމީދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މ. ވައިނުޖެހޭގޭ މަރިޔަމް ޒުލްފާ އާއި މިހާރު ވެސް ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، ހުސެން ޝަމީމު އާއި ޕީޖީ އޮފީހުގައި މަސައްކަތް ކުރާ، ގާނޫނީ ވަކީލެއް ކަމުގައިވާ ދަފްތަރު އައިޝަތު ފަޒްނާ އަހުމަދު އަދި ޝަރީއާ އެންޑް ލޯ އިން ޑިގްރީއެއް ނަންގަވާފައިވާ ގާނޫނީ ވަކީލެއް ކަމުގައިވާ މއ. ބިންމާވިލާ، އިސްމާއިލް ވަހީދެވެ.
އެ ބޭފުޅުންގެ ތެެރެއިން ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި މައުމޫން ހަމީދުގެ ނަން މަޖިލީހުން ފާހެއް ނުވި އެވެ. އޭނާގެ ނަން މަޖިލީހުން ފާސް ނުވީ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ނުލިބުމުންނެވެ. ޖުމްލަ މެމްބަރުންނަނީ 39 މެމްބަރުންގެ ވޯޓެވެ. މައުމޫން ހަމީދަށް ލިބިވަޑައިގެންނެވީ 36 މެމްބަރުންގެ ވޯޓެވެ.