ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރާނެ ކަމަށް އެ ކްލަބުގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ބުނެފި އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އެންމެ ފަހު ޗެމްޕިއަން 1-0 ލަނޑުން ބަލިކޮށް ރެއާލް ވަނީ ފައިނަލުގެ އުންމީދު ބޮޑުކޮށްފަ އެވެ. ރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު 19 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބެންޒެމާ އެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި ބަޔާން އަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް ރެއާލްގެ ގޯލު ތެރެއަށް ބޯޅަ އެތެރެކޮށްލެވިފައެއް ނުވެ އެވެ.

"ފުރަތަމަ ލެގަކީ އުނދަގޫ މެޗެއް، ދެވަނަ ލެގުގައި ވެސް އެކަން ފެނިގެންދާނެ. އެ މެޗު ވެސް އުނދަގޫވާނެ. ނަމަވެސް މޮޅުވާނެ ކަމުގެ އުންމީދު އެބައޮތް،" ޔޫއެފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއެއްގައި ބެންޒެމާ ބުންޏެވެ. "ބަޔާން އަކީ މޮޅު ޓީމެއް. އަހަރެމެން މޮޅުވީ، ރަނގަޅު ކުޅުމެއް ދައްކައިގެން،"

ބަޔާންއާ ދެކޮޅަށް ރެއާލް ކުޅުނު ގޮތާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބެންޒެމާ ބުނީ، އެ ޓީމުން ރަނގަޅަށް އެޓޭކްކޮށް ޑިފެންސް ކުރި ކަމުގަ އެވެ.

"އަހަރެމެން އަބަދުވެސް ކުޅޭ ގޮތަށް ގްރޫޕެއްގެ ގޮތުގައި އެޓޭކް ކުރިން. އަހަރެމެން އެޓޭކް އަށް އަރައި ރަނގަޅަށް ޑިފެންސް ކުރިން. އެގޮތަށް ބަޔާންއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކުމުން ހިތްހަމަޖެހޭ. އަހަރެމެންނަށް މެޗުގެ ފުރަތަމަ ހާފުގައި ތިން ފުރުސަތު ލިބުނު، ބަޔާނަށް ލިބުނީ އެންމެ ފުރުސަތެއް،" އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ ލެގަށް މި ދެޓީމު ނުކުންނާނީ އަންނަ ހަފްތާ އަންގާރަ ދުވަހު އެވެ. މި މެޗު ކުޅޭނީ ބަޔާންގެ އާލިއަންޒް އެރީނާގަ އެވެ.