24 Apr 2014, 15:32
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހައްގުތައް ފޯރުކޮށްދެނީ ކިހާ މިންވަރަކަށްތޯ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހިންގާ ނޭޝަނަލް އިންކުއަރީގެ އަތޮޅުތަކުގައި ބާއްވަމުން ގެންދާ އެންމެ ފަހު އަޑު އެހުންތައް ޅ. އަތޮޅުގައި ފަށައިފި އެވެ.
"އެކްސެސް ޓު އެޑިއުކޭޝަން ފޯ ޗިލްޑްރަން ވިތު ޑިސްއެބިލިޓީސް"ގެ ނަމުގައި އެޗްއާރުސީއެމް އިން ކުރިއަށް ގެންދާ އެ އިންކުއަރީގެ އަތޮޅުތަކުގައި ބާއްވަމުން ގެންދާ އެންމެ ފަހު އަޑު އެހުންތައް ޅ. ހިންނަވަރުގައި އިއްޔެ ފަށާފައިވާ އިރު، އަންނަ ހޮނިހިރު ދުވަހު ނައިފަރުގައި އެ އަޑު އެހުންތައް ނިންމުން އޮންނާނެ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.
އެޗްއާރްސީއެމް އިން ވަނީ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރަށް ބަލައި އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ފާހަކޮށްލެވޭ ރާއްޖޭގެ 10 އަތޮޅަކަށް މިހާތަނަށް ޒިޔާރަތް ކޮށްފަ އެވެ. އެގޮތުން ހއ، ހދ، ށ، ނ، ރ، ކ، އދ، ގދ، ޏ އަދި ސ. އަތޮޅަށް ވަނީ ޒިޔާރަތް ކޮށްފަ އެވެ.
ނޭޝަނަލް އިންކްއަރީ އަކީ އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުން ގާއިމުކޮށްފައިވާ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތައް ދެނެގަނެ އެ ނިޒާމު ހިނގަމުން އަންނަ ގޮތް ބަލައި އެކަންތައްތައް ރަނގަޅުކުރުމަށް ތަޖުރިބާ ކާރުންނާއި ދައުލަތާއި އަދި އާންމުންގެ ބައިވެރިވުމާ އެކު އާންމުކޮށް ހުޅުވާލައިގެން ހިންގާ ތަހުގީގެކެވެ.
އެޗްއާރްސީއެމް އިން ބުނީ، އެ އިންކުއަރީގެ އެންމެ ފަހު އަޑުއެހުންތައް އަންނަ މަހުގެ ތެރޭގައި މާލޭގައި ބާއްވާނެ ކަމަށެވެ. އަދި އެއަށް ފަހު ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި އެ ކަމުގެ ރިޕޯޓް ހުށަޅައި ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން އެ ރިޕޯޓަށް އަމަލުކުރަނީ ކިހާވަރަކަށްތޯ ބަލާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ހައްގު ކަށްވަރުކޮށްދީ، އެފަދަ ކުދިންނަށް ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން ތަނަވަސްކޮށްދީފައިވާ މިންވަރުގެ މައުލޫމާތު އެންމެންގެ ފަރާތުން ހޯދާއި އެ ނިޒާމުގައި ހުރި އުނި ކަންތައްތައް ރަނގަޅުކުރުމަށް ދައުލަތަށް ހުށަހެޅުންތައް ހުށަހެޅުމާއި އެކު އެކަންތައް ތަންފީޒު ކުރުމަށް ބާރު އެޅުމުގެ މަގްސަދުގައި އެޗްއާރްސީއެމް އިން ފަށާފައިވާ އެ އިންކުއަރީ އިފްތިތާހް ކޮށްފައި ވަނީ މިދިޔަ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.