24 Apr 2014, 15:14
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރްގެ އަތުން ނެގި މައްސަލާގައި ދިވެހި ދައުލަތުން ޖީއެމްއާރަށް ބަދަލުދޭން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.
އިންވެސްޓްމަންޓް ފޯރަމަށް ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން މިއަދު އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ޖީއެމްއާރަށް ބަދަލު ދޭން ޖެހޭނެ ކަމަކީ ޔަގީންވާ ކަމެއް ކަމަށާއި ސަރުކާރުގެ ހުރިހާ ވެސް ވިސްނުމަކާއި މަސައްކަތެއް ކުރަނީ ދޭން ޖެހޭ ބަދަލު ބޮޑުވިޔަ ނުދިނުމަށް ކަމަށެވެ.
"ޖީއެމްއާރަށް ބަދަލު ދޭންޖެހޭނެ. އަޅުގަނޑުމެންގެ މަސައްކަތަކީ ޖީއެމްއާރަށް ދޭންޖެހޭ ބަދަލު ކުޑަކުރުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޖީއެމްއާރުން ބަދަލު ހޯދުމަށް ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ އާބިޓްރޭޝަންގެ އަޑުއެހުންތައް ނިންމުމަށް ފަހު ޖީއެމްއާރަށް ބަދަލު ދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވެސް ރައީސް ވަނީ ޖީއެމްއާރަށް ބަދަލު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ޖީއެމްއާރުގެ އެއްބަސްވުން ބާތިލު ކުރީ، އެ އެއްބަސްވުމަކީ އުފެއްދި ދުވަހުން ފެށިގެން ވެސް ބާތިލު އެއްބަސްވުމެއް ކަމަށް ބުނެ އެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ޖީއެމްއާރަށް ދައްކަންޖެހޭ ބަދަލު ކުޑަކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން ނިމިގެންދާނެ ގޮތެއް ބުނަން ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
ސިންގަޕޫރުގެ ޗާންގީ އެއާޕޯޓް ގްރޫޕާއި ދިވެހި ސަރުކާރާ މެދު ކުރައްވަމުން ގެންދަވާ މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށް ރައީސް ޖުމްހޫރިއްޔާ މިއަދު ވިދާޅުވި އެވެ. އަދި ޗާންގީ އެއާޕޯޓް ގްރޫޕް ފަދަ ގްރުޕޫތަކުގެ އެހީތައް އެއާޕޯޓް ތަރައްގީގައި ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޗާންގީ އެއާޕޯޓް ގްރޫޕް ވާނީ ޓާމިނަލްގައި ވެސް އަޅުގަނދުމެންގެ ކޮންސަލްޓެންޓުންނަށް" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ސިންގަޕޫރަށް މިއަދު ކުރައްވާ ދަތުރަށް އިޝާރާތް ކުރައްވައި ވިދާޅުވީ އިންވެސްޓް ފޯރަމްއަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ހުޅުމާލޭގައި ތަރައްގީ ކުރާ ޔޫތު ސިޓީ އާއި ހުޅުމާލެ އާއި މާލެއާއި ދެމެދުގައި އަޅާ ބުރިޖު ހިމެނެ އެވެ.