އަންނަ މަހުގެ އެކަކުން ފެށިގެން ވިއްކާ ބިންތަކާއި ފުލެޓްތަކުން ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) ނަގަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވުމުން، ސަރުކާރުން ވިއްކާ ބިންތަކާއި ފުލެޓުތަކުން ޖީއެސްޓީ ނެގުން އިސްތިސްނާ ކުރުމަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރު ފަރާތުން މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ހުށަހެޅުއްވި ބިލުގެ މަގުސަދެއް ކަމުގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ވިއްކާ ބިންތަކާއި ފުލެޓްތަކުން ޖީއެސްޓީ ނެގުން އިސްތިސްނާ ކުރަންޖެހޭނެ ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް، ޖީއެސްޓީ ނެގުން އިސްތިސްނާވާ ދެ ހާލަތެއް ބަޔާންކޮށްފަ އެވެ. އެއީ ސަރުކާރުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވިއްކާ ބިންތަކާއި ފުލެޓުތަކުން ޖީއެސްޓީ ނުނެގޭނެ ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މިއަހަރުގެ ފެބްރުއަރީ މަހު މަޖިލީހުން ގެނެސްފައިވާ ފުރަތަމަ އިސްލާހުގައިވާ ގޮތުން އަންނަ މަހުގެ އެކަކުން ފެށިގެން ނުއުފުލޭ މުދަލުގެ ތެރޭގައި ހިމެނޭ ގޯތިގެދޮރާއި ބިންތައް ގަނެވިއްކާނަމަ ޖީއެސްޓީ ނަގަންޖެހެ އެވެ.