އަމިއްލަ އަށް ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށްނުދީގެން ހުށަހަޅާ މައްސަލަތައް ކޯޓަށް ބަލއިނުގަނެވޭނެ ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.

ފެމެލީ ކޯޓުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ބައެއް ފަރާތްތަކުން އާއިލާއާ ބެހޭ ގާނޫނާ ޚިލާފަށް އަމިއްލަ އަށް ކައިވެނި ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދަރީންގެ ނަސްލު އޮޅުމާއި ދީނީ ގޮތުން ހަރާމްކޮށްފައިވާ ގުޅުންތަކަށް މަގުފަހިވެ، ލިބޭ ދަރިން މަގުމަތިވެގެންދާ ކަމަށެވެ. އަދި ކައިވެނި ރަޖިސްޓްރީ ނުކުރުމުން ދަރިން ސްކޫލަށް ނުފޮނުވި، އިޖުތިމާއީ ގޮތުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާ ކުރިމަތިވަމުންދާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ފެމެލީ ކޯޓުން ބުނީ ރާއްޖޭގައި ކައިވެނި ކުރަން ވާނީ އާއިލާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުން އެކަމަށް ކަނޑައަޅާފައިވާ ބައެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ކައިވެނިވާ ދެމީހުންނާއި ކައިވެނިން ލިބޭ ދަރިންގެ މަސްލަހަތުތައް ހިމާޔަތް ކުރެވޭނީ ޝަރުޢީގޮތުން ލިބިދީފައިވާ ބާރުގެ ދަށުން ކަނޑައެޅިފައިވާ އިމުގެ ތެރެއިން ކައިވެނި ކޮށްގެން ކަމަށެވެ.

ކައިވެނިކޮށް ރަޖިސްޓްރީ ކުރުމުގެ ކަންކަމަކީ އަމިއްލައަށް އެކަންކުރުމަށް ޝަރުއީގޮތުން ދޫކޮށްލާފައިވާ ކަމެއް ނޫން ކަމަށާއި އެކަމަކީ ޖަމާއަތުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ޓަކައި ދައުލަތުގެ ފަރާތުން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެކޯޓުން ބުނެ އެވެ.

އެ އިއުލާނުގައި އަދި ބުނީ އާއިލާއާބެހޭ ގާނޫނާއި ޚިލާފަށް ރާއްޖޭގައި އަމިއްލައަށް ކޮށްފައިވާ އެއްވެސް ކައިވެންޏެއް އާއިލާއާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދާ ޚިލާފަށް ކޮށްފައިވާ އެފަދަ ކައިވެނިތައް ރަޖިސްޓްރީ ކޮށްނުދީގެން ހުށަހަޅާ މައްސަލަތައް ބަލައިނުގަންނާނެ ކަމަށެވެ. ފެމެލީ ކޯޓުގެ އިއުލާނުގައި ވަނީ ހުރިހާ ފަރާތްތަތަކަކުން ވެސް އާއިލާއާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކައިވެނި ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފެމެލީ ކޯޓުން އެގޮތަށް އިއުލާންކޮށްފައި ވަނީ ދާއިދފަހުން ފެންމަތިވި އެފަދަ މައްސަލަތަކަކާ ގުޅިގެންނެވެ.

އެގޮތުން ކޯޓަށް ނޭންގި ކުރި ކައިވެންޏެއްގައި އަންހެންނަކު ދާދިފަހުން ވަނީ ފެމެލީ ކޯޓަށް ގޮސް އޭނާ ވަރިކުރި ކަމަށް ކޯޓުގައި ބުނެފަ އެވެ. ނަމަވެސް އޭނާ ކައިވެނި ކުރިކަން ކޯޓަށް އެއްވެސް ގޮތަކަށް ސާބިތު ކޮށްދެވިފައި ނުވާކަން ވެސް ވަނީ އެނގިފަ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ ކައިވެނި ކޮށްފައި ވަނީ ފިރިހެން މީހާގެ ދެ ރައްޓެއްސަކު ހެކިވެރިއެއްގެ ގޮތުގައި ބަހައްޓައިގެނެވެ. ނަމަވެސް އަންހެން މީހާއަށް އެއީ ކޮން ބައެއް ކަމެއް ކޯޓުގައި ކިޔައިދޭކަށް ނޭނގުނެވެ. އަދި އަންހެން މީހާ އެ މައްސަލަ ކޯޓަށް ގެންދިޔައިރު، ކޯޓަށް ނޭންގި ކުރި ކައިވެންޏަށް ދަރިން ވެސް ލިބިފައިވެ އެވެ. ނަމަވެސް ފިރެހެންމީހާ ވަނީ އެއީ އޭނަގެ ދަރިން ނޫން ކަމަށާއި ކައިވެންޏެއް ނުކުރާ ކަމަށް ވެސް ބުނެފަ އެވެ.