ދެހާސް ހަ ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓުވޯކުގެ ވެރިޔާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގު (ސަފާ)ގެ ނެޓުވޯކުގައި ހިމެނޭ މީހަކު ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ހދ. ކުޅުދުއްފުށީ ގުލާބީގޭ އަބްދުއްސައްތާރު އަލީ 18 އަހަރަށް ޖަލަށްލުމާ އެކު 75،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައި ވަނީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅެފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާ އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި މިއަދު ތާވަލް ކުރުމަށް ފަހު ވަނީ އެހެން ދުވަހަކަށް އަޑުއެހުން ފަސްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމް އާއި މ. ކުދެހިގޭ ހުސައިން އާތިފްއާ ގުޅިގެން އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅެފައިވާ ކަން އެކަށީގެންވާ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައި ވަނީ ފޯންކޯލް ރެކޯޑިންއެއްގެ މައްޗަށް ބިނާކޮށެވެ.