ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީންގެ ޑިޕޮސިޓް ފައިސާ ދޫނުކުރަން އިމިގްރޭޝަން ޑިޕާޓްމަންޓުން ނިންމައިފި އެވެ.

އިމިގްރޭޝަނުންދޭ ބައެއް ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް މިއަދު ހުރަވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު ރިޓާޔަޑް ކާނަލް އަހުމަދު ނާޒިމް ވިދާޅުވީ ބިދޭސީންނާ ގުޅޭ ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން މި އަހަރު ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިދޭސީން ގެންނަ އެމްޕްލޮއީމަންޓް އެޖެންސީތައް ބާރުވެރި ކުރުވުން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ފިޔަވަޅު އަޅަނީ ބިދޭސީންނާ ގުޅުންހުރި ހުރިހާ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ އާންމު ފަރުދަކަށް ބިދޭސީން ނުގެނެވޭ ގޮތަށް ހަމަޖައްސާނެ ކަމަށާއި އާންމު ފަރުދަކު ބިދޭސީއެއް ގެންނަން ބޭނުންވާ ނަމަ އެކަން ކުރެވޭނީ ކަމާ ބެހޭ އެޖެންސީތަކާ ގުޅިގެން އެ އެޖެންސީތައް މެދުވެރިކޮށް ކަމަށެވެ. އޭގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ގެއްލިއްޖެ ނަމަ ކުރިޔަށް އޮތްތާގައި އެފަދަ ބިދޭސީންގެ ޑިޕޮސިޓް ފައިސާ ސަރުކާރުން ހަމަޖައްސައި ނުދޭނެކަމަށާއި ގަވާއިދާ ހިލާފަށް ބިދޭސީން ގެންނަ އެޖެންޓުން ހޯދާ އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

"ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ ހެޔޮ އަގު ދީފައި މަސައްކަތް ކުރުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު އެބަ ކުރޭ. އެހެންވީމާ އެ ފަރާތްތައް ހޯދައި ބިދޭސީން ފޮނުވާލުމަށް ފަހު އެ ގެންގުޅޭ މީހަކާމެދު ވެސް ފިޔަވަޅު އެޅިގެންދާނެ." ނާޒިމް ވިދާޅުވި އެވެ.