24 Apr 2014, 14:34
"ފޮރިން އެމްޕްލޯއިމަންޓް އެންޑް އެކްސްޕެޓްރިއޭޓިވް ސާވިސް"ގެ ނަމުގައި އާ ހިދުމަތެއް ފައްޓައިފި
އެއް ތަނަކުން ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުރަވީ ބިލްޑިންގް އަށް އިމިގްރޭޝަންގެ ތިން ސެކްޝަނެއް ބަދަލުކޮށް އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި އިމިގްރޭޝަންގެ ހިދުމަތްދޭ މަރުކަޒެއް ހުޅުވައިފި އެވެ.
"ފޮރިން އެމްޕްލޯއިމަންޓް އެންޑް އެކްސްޕެޓްރިއޭޓިވް ސާވިސް"ގެ ނަމުގައި އެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ އިމިގްރޭޝަނަށް ގެނައި އެ ބަދަލާ އެކު އިމިގްރޭޝަންގެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކޯޓާ އާ ބެހޭ ސެކްޝަން އާއި ވޯކް ޕާމިޓް އަދި ވިސާގެ ކަންތައްތަކާ ބެހޭ ސެކްޝަން އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް ހިދުމަތްދޭން ފެށުމުން ކޮންމެ ހިދުމަތެއް ވެސް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެގޮތުން ކޯޓާއަށް އެދޭ ފަރާތްތަކަށް 15 ދުވަސްތެރޭ ކޯޓާގެ ކަންކަން ހަމަޖެހިގެން ދާއިރު އަލަށް ގެންނަ ބިދޭސީންގެ އެމްޕްލޮއިމަންޓް އެޕްރޫވަލް ނުވަތަ އީއޭ ތިންދުވަސް ތެރޭގައި ލިބިގެންދާ ނެކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ވޯކްވިސާ ކާޑު ތިން ދުވަހުގެ ތެރޭގައި ހަމަޖެހިގެން ދާނެ ކަމަށާއި އެހެނިހެން ވިސާތައް އެއް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭގެ އިތުރުން މީރާގެ ކައުންޓަރެއް ހަމަ އެ އިމާރާތުގައި ހުޅުވާފައި ހުރުމުން މީރާ އަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ފަސޭހަތަކެއް ވެގެން ދާނެކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމުން މިއަދު ފެށި ހިދުމަތާ އެކު އިމިގްރޭޝަން އިން ހޯދަންޖެހޭ ހިދުމަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެން ދާނެކަމުގައި އުންމީދު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.