24 Apr 2014, 14:03
ޔުވެންޓަސް އަށް ކުޅެމުންދާ ޒުވާން މިޑްފީލްޑަރު ޕޯލް ޕޮގްބާ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާނެ ކަމަށް ފްރާންސްގެ ކުރީގެ ފުޓްބޯޅަ ތަރި ރޮބާޓް ޕިރޭސް ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުން 2012 ވަނަ އަހަރު އިޓަލީ ޗެމްޕިއަން ޔުވެންޓަސްއާ ގުޅުމަށް ފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކްލަބުގެ ފްރާންސް މިޑްފީލްޑަރު ޕޮގްބާ ވަނީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. ޕޮގްބާ އަކީ ހުނަރުވެރި، މޮޅު ކުޅުންތެރިއެއް ކަމަށް ޕިރޭސް ގަބޫލުކުރެ އެވެ.
"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަށް ވުމަކީ ވަރަށް އުނދަގޫކަމެއް. ޕޮގްބާގެ މަގާމުގައި ހުރެ އޭނާ އަށް ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ ކަމުގެ އެއްވެސް ޝައްކެއް ނެތް،" ކުރީގެ އާސެނަލް ތަރި ޕިރޭސް ބުންޏެވެ. "ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕަށް ފަހު، އޭނާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާނެ. ޕޮގްބާގެ ކިބައިގައި ރަނގަޅު ފެންވަރެއް އެބަހުރި،"
ޕިރޭސް ބުނީ، ޕޮގްބާ އަކީ ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއާ ޑެޝޯމްޕް އަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ޒުވާން ކުޅުންތެރިޔާގެ ފަރާތުން ފެނިގެން އެދަނީ މޮޅު ކުޅުމެއް ކަމަށެވެ.
"އެހާ ޒުވާން އިރު ދައްކާ ކުޅުމަކީ މޮޅު އަދި ހައިރާންކުރަނިވި ކުޅުމެއް. އެކަމުގެ ސަބަބުން އޭނާ ހާސިލުކުރަން ބޭނުންވާ ކަންތައްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ. އެ ފެންވަރުގައި ހިފަހައްޓައި، އިތުރަށް ކުޅުން ރަނގަޅު ކުރަމުންދާ ނަމަ ޕޮގްބާ އަށް ކުރިއަށް ދެވޭނެ. އޭނާ އަކީ ފްރާންސްގެ ކޯޗަށް ވެސް މުހިންމު ކުޅުންތެރިއެއް،" ޕިރޭސް ބުންޏެވެ.
އުމުރުން 21 އަހަރުގެ ޕޮގްބާ ވަނީ މި ސީޒަނުގައި ޔުވެންޓަސް 45 މެޗު ކުޅެ، އެ މުއްދަތުގެ ތެރޭގައި ނުވަ ލަނޑު ކާމިޔާބުކޮށްފަ އެވެ.