24 Apr 2014, 13:46
އަންނަ މަހު 19 އިން 30 އަށް ރާއްޖޭގައި ބާއްވާ، އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންކުރާނެ ހާއްސަ "ސްލޯގަން"އެއް ކަނޑައެޅުމަށް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން (އެފްއޭއެމް) އިން މިއަދު އާއްމުންނަށް ރަސްމީކޮށް ފުރުސަތު ހުޅުވާލައިފަ އެވެ.
އެގޮތުން އެފްއޭއެމްއާ ގުޅިގެން "ސަން" އޮންލައިނުން ނިންމާފައި ވަނީ އާއްމުންނަށް ފެންނަ ސްލޯގަންއެއް ކޮމެންޓެއްގެ ގޮތުގައި ސަންއަށް ފޮނުވަމަށެވެ. އަދި ސްލޯގަންގެ އިތުރުން މިފަހަރު ބޭނުން ކުރާނެ ލޯގޯއެއް ކަނޑައެޅުމަށް ވެސް އެފްއޭއެމް އިން މިއަދު ވަނީ ރަސްމީކޮށް އާމުންނަށް ހުޅުވާލައިފަ އެވެ. އެކަން ކުރިއަށް ގެންދަން އެފްއޭއެމް އިން ނިންމާފައި ވަނީ ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތައް މެދުވެރި ކޮށެވެ.
ކިޔުންތެރިން ފޮނުވާ ސްލޯގަންތަކުގެ ތެރެއިން އެންމެ ރަނގަޅު ސްލޯގަންއެއް ފޮނުވާ ފަރާތަކަށް މުބާރާތުގައި ކުޅޭ ހުރިހާ މެޗެއް ބެލުމުގެ ފުރުސަތު ވީއައިޕީ ޓިކެޓެއް އިނާމެއްގެ ގޮތުގައި ދިނުމަށް އެފްއޭއެމް އިން ވަނީ ނިންމާފާ އެވެ. އަދި އެންމެ ރަނގަޅު ލޯގޯ އަކަށް ވެސް ދިނުމަށް ހަމަޖެހިފައި މުބާރާތުގެ ހުރިހާ މެޗެއް ބަލާލުމުގެ ވީއައިޕީ ޓިކެޓެކެވެ.
ސަން އޮންލައިންގެ ކިއުންތެރިން ފޮނުވާ ކޮމެންޓްތަކުގެ ތެރެއިން އެންމެ ރަނގަޅު ކޮމެންޓެއް ހޮވާނީ އެކޮމެންޓަކަށް ލިބިފައިވާ "ލައިކްސް" އަކުންނެވެ. އަދި އެކޮމެންޓު ހޮވުމަށްފަހު އެފްއޭއެމް އިން އެކަމަށްޓަކައި މީޑިއާއާއި އެކު އެކުލަވާލަން ހަމަޖެހިފައިވާ ކޮމެޓީ އަށް ފޮނުވުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ފަހުން ސްލޯގަން ކަނޑައަޅާނީ ކޮމެޓީގެ މެންބަރުންގެ ބެދުގައި ލެވޭ ވޯޓަކުންނެވެ.
އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ފަހު، ދެން މި މުބާރާތް އިތުރަށް ކުރިއަށް ނުގެންދަން އޭއެފްސީގެ އެގްޒެކެޓިވް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
ކޮމެންޓް ކުރުމުގެ އެންމެ ފަހު ގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެރޭ 12:00 ޖެހުމުގެ ކުރިންނެވެ. ކޮމްނެޓް ފޮނުވާއިރު، ކޮމެންޓް ކުރާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް ޖެހުމަށް ސަން އިން އެދެ އެވެ.