ކޮލެޖެއްގެ ދަރަޖަ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނުން ދާދިފަހުން ދިން މިއާންޒު އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް)ގެ ރެކްޓަރަކަން، އެ ކޮލެޖުން ކުރީގެ ޖެންޑާ މިނިސްޓަރު ޑރ. އާމާލު އަލީ ދެއްވައިފި އެވެ.

ތައުލީމީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޑރ. އާމާލު އެ ޕްރައިވެޓް ކޮލެޖު ހިންގަވަން ފެއްޓެވީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ.

ޑރ. އާމާލަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމެނަންޓް ސެކްރެޓެރީގެ މަގާމުގެ އިތުރުން އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމް ވެސް ކުރެއްވި ބޭފުޅެކެވެ.

ރާއްޖޭގެ ގިނަ މަތީ ތައުލީމްދޭ މަރުކަޒުތަކުގައި ކިޔަވައިދެމުންދާ ކޯސްތައް ހިންގަމުން އަންނަ މައި ކޮލެޖުން ބުނީ އެ ކޮލެޖުން ހިންގަމުންދާ ކޯސްތަކުގައި މިހާރު ވެސް 800 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ.

އެގޮތުން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން އާއި ޕްރައިމަރީ ޓީޗިންގް އާއި ހިއުމަން ރިސޯސް މެނޭޖްމެންޓް އާއި އެކައުންޓިންގްގެ އިތުރުން ބިޒްނަސް، ސޮފްޓްވެއާ އެންޖިނިއަރިންގް އަދި އެނިމޭޝަން ފަދަ އައިޓީ ކޯސްތައް ވެސް ކިޔަވައިދެމުންދާ ކަމަށް އެ ކޮލެޖުން ބުންޏެވެ.