27 Dec 2010, 16:54
ސުޕްރީމް ކޯޓަށް ޑީއާރްޕީން ހުށަހެޅި ރުހުން ނެތް ވަޒީރުންގެ މައްސަލައިގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޑީއާރުޕީން ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުމުގައި ޢަމަލުތައް ބެހެއްޓުނު ގޮތާ މެދު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެކަމާ މެދު ހިތް ހަމަނުޖެހުނު ޑީއާރުޕީގެ މެމްބަރުންގެ ކިބައިން އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަޚްލޫފް މަޢާފަށް އެދިވަޑައިގެންފި އެވެ.
މަހުލޫފުގެ މައާފަށް އެދިވަޑައިގަތުން މިއައީ އެ ހާދިސާ އަށް ފަހު ގާތްގަނޑަކަށް ދެ ހަފުތާ ފަހުންނެވެ.
ސަން އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ވެސް މެމްބަރު މަޚްލޫފް މިރޭ ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޣިޔާޒުއްދީން ސްކޫލްގައި އޮތް ޑީއާރުޕީގެ ޖަލްސާ ތެރޭގައި ހިނގައި ދިޔަ ކަންތައްތަކަކީ ދުވަހަކު ވެސް އެ ޕާޓީ ތެރޭން ފެންނާނެ ކަމަށް ހީކުރި ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެރޭ އޭނާގެ ޢަމަލުތައް ބެހެއްޓުނު ގޮތާ ދޭތެރޭ ހިތް ހަމަނުޖެހުނު ޑީއާރުޕީގެ މެމްބަރުންގެ ކިބައިންނާއި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ކިބައިން މަޢާފަށް އެދޭ ކަމަށް ވެސް މަޚްލޫފް ވިދާޅުވި އެވެ.
މަޚްލޫފް ވިދާޅުވީ ޑީއާރުޕީގެ ޖަލްސާތަކަށް ޑީއަރުޕީގެ މެމްބަރުންނާއި ހެޔޮއެދޭ ފަރާތްތަކަށް ވަދެވެންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ޖަލްސާ އަށް ވަދެވަޑައިގަތުމަށް އުޅުއްވި ވަގުތު ހުރަސް އަޅައި އޭނާ އަށް ހަމަލާދިނުން ވެގެންދިޔައީ ގަބޫލު ކުރަން ދަތި ރުޅިވެރިކަން އިސް ކުރެވުނު ކަމެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އަދި އެ ވަގުތު ތަސްމީން ކުރިމައްޗައި އަރައި އުޅެވުނީ އަމިލަ އަށް ވެސް ގަބޫލު ކުރަން ދަތި ގޮތަކަށް ކަމަށާއި އަދި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް މަޚްލޫފް ވިދާޅުވި އެވެ.
ނަމަވެސް އެރޭ އުމަރު ނަސީރަށް ހަމަލާދީ ބޭރުތެރޭގައި ހިނގައި ދިޔަ ކަންތައްތަކަކީ ގަބޫލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
މަޚްލޫފް ވިދާޅުވީ ޑީއާރުޕީ އާ ގުޅުނީ އެއީ ރައީސް މަޢުމޫންގެ ޕާޓީ އަށް ވެފައި ޕާޓީގެ ސިޔާސަތުތަކަށް ތާއީދު ކުރާތީ ކަމަށެވެ.
ސުޕްރީމް ކޯޓަށް ޑީއާރްޕީން ހުށަހެޅި ރުހުން ނެތް ވަޒީރުންގެ މައްސަލައިގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޑީއާރުޕީން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް ވަދެވަޑައިގަތުމަށް އުމަރު ނަސީރު މަސައްކަތްކުރެއްވުމުން، އެ މައްސަލަ ހޫނުވެ، ހަމަނުޖެހުން ބޮޑުވުމުން އެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ.
އުމަރަށް ތާއީދު ކުރާ މީހުންނާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ތާއީދު ކުރާ މީހުންގެ މެދުގައި މައްސަލަ ހޫނުވެ ތަޅައިގަތީ ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ޖަލްސާ އަށް، ހުއްދައަކާ ނުލައި އުމަރު ވަދެވަޑައިގަންނަވަން އުޅުމުންނެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލް ކުރީ ފުލުހުން އެ އެތަނަށް ގޮސް ގެނެވެ.