24 Apr 2014, 12:11
މިއަދު ހެނދުނު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ އާދީއްތަ ދުވަހު ބާއްވަން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރައީސް ނިންމާފައި ވަނީ ކޮމިޓީ ތަކުން ބައެއް ބިލުތައް ނިންމަވަމުން ގެންދުވުމާއެކު އެ ބިލް ތަކަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ އެވެ. އަދި ކޮމެޓީތަކުން ހުށަހަޅާ ރިޕޯޓުތައް އަވަހަށް ފާސްކޮށްދެއްވައި، ފޮނުއްވުމުން އެޖެންޑާ ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރަސްމީ ބަންދު ދުވަހެއް ފިޔަވައި ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ، ބުދަ ދުވަހެއްގައި ޖަލްސާ ބާއްވަންޖެހޭ އިރު، މި މަހު ޖަލްސާ ބާއްވާފައި ވަނީ ހަފްތާ އަކު އެއް ފަހަރު އެވެ. މި މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންމެ ތިން ޖަލްސާ އެވެ.
މިދިޔަ މާޗް މަހު ފެށި މިއަހަރުގެ ފުރަތަމަ ދައުރުގައި މިހާތަނަށް ބާއްވާފައި ވަނީ އަށް ޖަލްސާ އެވެ.