އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗުން އިލެކްޓްރޯކާޑިއޮގްރަފީ (އީސީޖީ) ހެދުމަށް ބޭނުންކުރާ ކަރުދާސް މިއަދު ހެނދުނު ހުސްވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އީސީޖީ ހަދަން މިއަދު ދިޔަ ބައެއް މީހުން ވަނީ ކަރުދާސް ނެތީމުން އީސީޖީ ނުހަދައި ފޮނުވާލާފަ އެވެ. ކަރުދާސް ހުސްވި މައްސަލައާ ބެހޭ ގޮތުން އައިޖީއެމްއެޗުން ރަސްމީކޮށް މައުލޫމާތު އަދި ވަނީ ނުލިބި އެވެ. ނަމަވެސް ކަރުދާސް ހުސްވެގެން އީސީޖީ ނުހެދިގެން ބަޔަކު ފޮނުވާލި ކަން އެ ހޮސްޕިޓަލްގެ މުވައްޒަފަކު ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އީސީޖީ ހެދުމަކީ ހިތުގެ އެކި އެކި މައްސަލަތަކާ ބެހޭ ގޮތުން ތަހުގީގު ކުރުމަށް ކުރާ ކަމެކެވެ.

އައިޖީއެމްއެޗުން ލިބޭ އެކިއެކި ހިދުމަތްތަކުގެ ފެންވަރު ދަށްވެގެން ފަހަކަށް އައިސް މީހުންގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް ގިނަވެފަ އެވެ.