މުޅު ރާއްޖެއިން މަދިރި ކޮންޓުރޯލް ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިސްނަގައިގެން "މަދިރި ރުޅި ރުޅި" ނަމުގައި ކެމްޕެއިނެއް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ، "މަދިރި މަދުކުރުން - އެންމެންގެ ޒިންމާއެއް" މިޝިޔާރުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިކެންޕޭން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި މިމަސައްކަތުގެ ދަށުން ގައުމީ ލެވަލްގައި، އަތޮޅު ލެވަލްގައި، އަދި ރަށު ލެވަލްގައި ޓާސްކްފޯސްތައް އެކުލަވާލައިފައިވާ ކަމަށެވެ. އަދި އެޓީމުތަކުގެ މަސައްކަތެއްގެ ގޮތުގައި ރަށުތެރޭގައި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ކޮންމެ ހަފްތާއެކު ބަލާ ފާސްކޮށް ނައްތާލުމާއި ރަށު ފެންވަރުގައި އާމުންނަށް މައުލޫމާތު ދިނުމާއި ރަށުތެރެ ސާފް ކުރުން ފަދަ ކަންކަން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ތެރެއިން ޑެންގީ ހުމަކީ 2004 ވަނަ އަހަރުން ފެށިގެން އަބަދު ވެސް ރާއްޖޭގައި ކޮންމެވެސް ވަރަކަށް ފެންނަ އަދި ހާއްސަ ގޮތެއްގައި ވިއްސާރަ މޫސުމާއި ގުޅިގެން ބަލި ފެތުރެމުންދާ އަދަދު އިތުރުވެ، ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ.

ޑެންގީ ހުން ޖެހޭ މީހުގެ އަދަދު އަދި އެބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އަންނަނީ 2012 އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މުޅިރާއްޖެއިން މަދިރި ކޮންޓުރޯލް ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.