24 Apr 2014, 11:02
ސްކޫލް ކުދިން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބްލީ ކުރުމާ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އަމީނިއްޔާ ސްކޫލު ދަރިވަރުންނަށް ފުލުހުން ހިންގައިފި އެވެ.
އަމީނިއްޔާ ސްކޫލުގެ އެންޓި ބްލީއިންގް ވީކްގެ ދަށުން މި މަހުގެ 21 ން 22 އަށް ކުރިއަށް ދިޔަ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި މަޢުލޫމާތު ދީފައި ވަނީ ހަނގާކުރުމާ ގުޅޭ ގޮތުން ކަމަށް ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.
އެގޮތުން ހަނގާކުރުމަކީ (ބްލީކުރުން) ކޮބައިކަމާއި ހަނގާކުރެވޭ ގޮތްތަކާއި އެފަދަ ޢަމަލުތަކުގެ ސަބަބުން ދިމާވެދާނެ ކަންތައްތަކާއި އެފަދަ ކަންތައްތަކުން ސަލާމަތްވުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ވަނީ މަޢުލޫމާތު ދީފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ހަނގާކުރުމުގެ އަސަރުކޮށްފައިވާ ކުދިން ދެނެގަނެވޭނެ ގޮތްތަކާއި ހަނގާކުރުން ހުއްޓުވުމާއި ހަނގާކުރުމުގެ ސަބަބުން ހިނގާފައި ހުރި ބައެއް މައްސަލަތަކާއި ހަނގާކުރުމުގެ ޢަމަލުތަކަށް ޤާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޢުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.
އަމީނިއްޔާ ސްކޫލުގެ ގްރޭޑް 8،9 އަދި 10 ގެ ދަރިވަރުންނަށް އަމާޒްކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައި ވަނީ ޕަބްލިކް އެފެއަޒް ޑިޕާޓްމަންޓް ކްރައިމް ޕްރިވެންޝަން ޔުނިޓްގައި މަސައްކަތްކުރާ ޕޮލިސް ސާޖަންޓް މަޙުމޫދު އިބްރާހިމް އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ޕޮލިސް ސާޖަންޓް ޢަބްދުލް ޖަލީލް އިބްރާހިމް ކަމަށް ފުލުހުން ބުންޏެވެ.