އަންނަ އަހަރު އައްޑު އަތޮޅާއި ފުވައްމުލަކުގައި ސާކް ސަމިޓް ބޭއްވުމަށް 2011 ވަނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 231 މިލިޔަން ރުފިޔާ އިން 200 މިލިޔަން ރުފިޔާ އުނިކޮށް އެ ފައިސާ އައްޑު އަތޮޅުގެ އުމްރާނީ ތަރައްގީއަށް ހަރަދު ކުރުމަށް ބަޖެޓަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއޭ އަށް ނިސްބަޔްވެ ވަޑައިގަންނަވާ ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބުދުލްޣަފޫރު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ، 231 މިލިޔަން ރުފިޔާގެ ތެރެއިން 100 މިލިޔަން ރުފިޔާ އައްޑުއަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު މަތިކުރުމަށް މެޝިނަރީ އާއި އިކުއިޕްމެންޓް ހޯދުމަށާއި ހޮސްޕިޓަލްގެ އިމާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ހިމެނުމަށެވެ. އޭގެ އިތުރުން 50 މިލިޔަން ރުފިޔާ، އައްޑު އަތޮޅުގެ ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށާއި 50 މިލިޔަން ރުފިޔާ ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ހޭދަ ކުރުމަށް ވެސް އަބުދުލްޣަފޫރުގެ އިސްލާހުގައިވެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން އިދިކޮޅު ހިޔާލުގެ ގިނަ ބަޔަކު ވަނީ ސާކް ސަމިޓް ބޭއްވުމަށް 231 މިލިޔަން ރުފިޔާ ހިމަނާފައި ވާތީ، އެކަމަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ބައެއް މެންބަރުން ވިދާޅުވީ، އެންމެ ދެ ދުވަހުގެ މަސައްކަތަށް އެހާ ގިނަ ފައިސާއެއް ހަރަދު ކުރުމުގެ ބަދަލުގައި، އެ ފައިސާ އައްޑު އާއި ފޯއްމުލަކުގެ ރައްޔިތުންގެ ތަރައްގީ އަށް މާ ފުރިހަމައަށް ބޭނުން ކުރެވިދާނެ ކަމަށެވެ.


އިދިކޮޅު ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ، އައްޑު އަތޮޅުގެ ތަރައްގީއަށް ދެކޮޅު ނަހައްދަވާ ކަމަށެވެ. ނަމަވެސް ސާކްސަމިޓް ބޭއްވުމުގެ ނަމުގައި އެންމެ ދެ ދުވަހުގެ މަސައްކަތަށް 231 މިލިޔަން ރުފިޔާ ހަރަދު ކުރުމަކީ އެކަމުން އެ އަތޮޅުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއްކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.


ނަމަވެސް އެ ފައިސާ އުނި ކުރުމަށް ހުށަހަޅާފައިވާ އިސްލާހަށާއި، އެ ފައިސާ އެހެން މަޝްރޫއުތަކަށް ހަރަދު ކުރުމަށް މެންބަރުން ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ މެންބަރުން ވަނީ ރައްދު ދެއްވައިފަ އެވެ. އެ ގޮތުން އެމްޑީޕީގެ މެންބަރު އަދި ބަޖެޓް ދިރާސާކުރި ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ އިލިޔާސް ލަބީބު ވިދާޅުވީ، ސާކު ސަމިޓް ބޭއްވުމަށް ހުށަހަޅާފައިވާ ބަޖެޓް އުނި ކުރުމަށް އަބުދުލްޣަފޫރު ހުށަހަޅުއްވާފައިވާ އިސްލާހަކީ ކަންބޮޑުވާން ޖެހޭ އިސްލާހެއް ކަމަށެވެ. އަދި އެފައިސާ އެކި ގޮތްގޮތަށް ބަހައިލުމަށް ހުށަހަޅާފައިވާއިރު، އައްޑުއަތޮޅު ހިތަދޫގައި އާ ހޮސްޕިޓަލެއް އެޅުމަށާއި ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބަޖެޓްގައި ފައިސާ ހިމަނައިފާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ އިސްލާހަކީ އައްޑުއަތޮޅުގެ ތަރައްގީއަށް ހުރަސް އެޅުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށާއި، އައްޑު އަތޮޅުގައި ސާކް ސަމިޓް ބޭއްވުމަސް ޕީއޭގެ އިތުރުން ގައުމީ ޕާޓީން ނުރުހޭކަން އެޕާޓީގެ މެންބަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދުގެ ވާހަކައިން ދޭހަވާ ކަމަށް ވެސް އިލިޔާސް ވިދާޅުވި އެވެ. ސާކްސަމިޓް ބޭއްވުމަށް ކަނޑައަޅާފައިވާ ބަޖެޓް އުނި ކުރުމުގެ އިތުރުން، ދަތުރު ފަތުރުކުރުމުގެ ވިއުގަ ގާއިމް ކުރުމަށް ކަނޑައަޅާފައިވާ 293.9 މިލިޔަން ރުފިޔާގެ ތެރެއިން، ފުރުގާން މިސްކިތް، އިމާރާތް ކުރުމަށް 10 މިލިޔަން ރުފިޔާ ކަނޑައެޅުމަށާއި މާލޭހިޔާ އާއި ސިނަމާލެ ފްލެޓް އިމާރާތް، މަރާމާތުކޮށް ސެކިއުރިޓީ ބެލެހެއްޓުމަށް ފަސްމިލިޔަން ރުފިޔާ ހަމަޖެއްސުމަށް ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ހުށަހަޅުއްވާފައިވާ އިސްލާހަށް ވެސް އިލިޔާސް ލަބީބު ވަރަށްބޮޑަށް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ،  ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް އުނި ކުރުމަކީ، ރައްޔިތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ހުއްޓުވުން ކަމަށެވެ. އަދި 2011 ވަނަ އަހަރުގެ މުޅި ބަޖެޓް ހަލާކުކޮށްލަން ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އިލިޔާސް ލަބީބުގެ ވާހަކައަށް ރައްދު ދެއްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، އާބާދީ ބޮޑެތި ތަންތަން ތަރައްގީ ކުރުމަކީ ގައުމީ ޕާޓީން ތާއީދު ކުރާ އަދި އެކަމަށް އެ ޕާޓީން ގޮވައިލަމުންގެންދާ ކަންތައްތައް ކަމަށެވެ. އަދި އައްޑުއަތޮޅަށް ހެޔޮ އެދިގެން އެ އަތޮޅަށް ރަނގަޅު ގޮތްތައް ހޯދުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ އަތޮޅުގައި ސާކް ސަމިޓް ބޭއްވުމަށް ބަޖެޓްގައި 231 މިލިޔަން ރުފިޔާ ކަނޑައެޅިފަ އޮތްއިރު އޭގެ ތެރެއިން، ހަމައެކަނި އެއަތޮޅަށް ހަރަދު ކުރުމަށް އޮތީ 31 މިލިޔަން ރުފިޔާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ބައެއްގެ އަމިއްލަ ފައިދާއަށް އެބައެއްގެ ޖީބަށް ފައިސާ ވަންނަގޮތަށް އޮތް ހުށަހެޅުމަކަށް ވާތީ އެ ކަމަށް ތާއީދު ނުކުރައްވަނީ ކަށާއި، އެ ފައިސާ ސީދާގޮތުގައި އައްޑުއަތޮޅުގެ ރައްޔިތުންނަށް ހަރަދު ކުރުމަށް ތާއީދު ކުރައްވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.


ޕީއޭގެ މެންބަރު ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސިޔާސީ ވިސްނުމަކަށްވުރެ ބޮޑަށް ޕީއޭއިން ކަންކަން ވިސްނަނީ އިގްތިސާދީ ގޮތަށް ކަމަށެވެ. އަދި އައްޑު އަތޮޅުގައި ސާކްސަމިޓް ބޭއްވުމަށް ޕީއޭއިން ވެސް ދެކޮޅު ނަހަދާ ކަމަށާއި، ހަމައެކަނި ސާކްސަމިތަށް 231 މިލިޔަން ރުފިޔާ ކަނޑައެޅުމަށްވުރެ އައްޑުއަތޮޅުގެ މުޅި ތަރައްގީއަށް މަޝްރޫއުތަކެއް ކަނޑައެޅި އެ މަޝްރޫއުތައް ހިންގާނެ ރަށްރަށް ބަޖެޓްގައި ހިމަނައިގެން ކުރިއަށް ދިއުމަކީ ރައްޔިތުންގެ މަންފާއަށް މާ މުހިއްމު ކަމަކަށް ވާތީ އެގޮތަށް ޕީއޭއިން ތާއީދު ކުރަނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ތެރެއިން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ، ސާކް ސަމިޓް ބާއްވަންބޭނުންނަމަ އެ ސަމިޓް މާލޭގައި ވެސް ބޭއްވިދާނެ  ކަމަށެވެ. އަދި 231 މިލިޔަން ރުފިޔާ ކަނޑައަޅައިގެން އެ ސަމިޓް ކޮންމެގެން އައްޑޫގައި ބާއްވަން ނުޖެހޭ ކަމަށާއި، އެ ފައިސާ އައްޑުއަތޮޅުގެ ތަރައްގީއަށް ހަރަދު ކުރުން މާ ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި  މި ބަޖެޓަކީ އެއްފަރާތަކަށް އަރިއަޅާލައިފައިވާ ބަޖެޓެއް ކަމަށާއި، އެހެންކަމުން ބަޖެޓަށް ތާއީދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ބަޖެޓް ދިރާސާ ކުރި ކޮމިޓީގެ މުގައްރިރު ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކޮމިޓީން ބަޖެޓަށް ބަދަލު ގެނަސްފައިވަނީ، ބަޖެޓުގެ ޖުމްލައަށް އުނިއިތުރު ގެނައުމަކާނުލައި، ބަޖެޓަގައި ހިމެނާ އަދަދުތައް އެކި ދާއިރާތަކަށް ބަހާލައިގެން ކަމަށެވެ. އަދި ޓްރެޒަރީ ބިލު ވިއްކައިގެން ބަޖެޓް ދެކޮޅުޖައްސާނަމަ އެކަމުގެ ނޭދެވޭ އަސަރު އަމިއްލަ އިންވެސްޓްމެންތްތަކަށް ކުރާނެ ކަމަށް އޮޑިޓާޖެނެރަލްގެ އޮފީހުން ބަޖެޓް ކޮމިޓީއަށްލަފާދީފައިވާ ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ. އަދި ބަޖެޓާ ބެހޭ ގޮތުން ރާއްޖޭގެ އިގްތިސޯދަށްކުރާނެ އަސަރާބެހޭ ގޮތުން އެމްއެމްއޭގެ ރިޕޯޓް ބަޖެޓް ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.


" ދެހާސް އެގާރަ ވަނަ އަހަރުގެ ބަޖެޓްގެ ސަބަބުން ރާއްޖެއަށް ކުރާނެ އިކޮނޮމިކް އިންޕެކްޓް ބަޔާންކޮށްދެއްވާފައިވޭ. އެމްއެމްއޭއިން އެންމެބޮޑަށް ފާހަގަކޯށްފައި ވަނީ ބަޖެޓްގެ ސިޔާސަތު ދޫދެވިފައިވާ ނަމަ މަނިޓަރީ ސިޔާސަތު މިހާރަސްވިރެ ބޮޑަށް ހިފޭއްޓުމަށްޓަކައި އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރކޮށް އެކްސެސް ލިކިއުޑިޓީ ދަށްކުރުމަށް އިތުރަށް މަސައްކަތް ކުރުމާއި، އޯޕަން މާކެޓް މެދުވެރިކޮށް ޑިމެސްޓިކް ޑީމާންޑް ދަށް ނުކުރެވިއްޖެނަމަ މިނިވަންރިޒާވް އިކުއާމަންތް މިހާރު ހުރިވަރު ފަންސަވީސް ޕަސެންޓަށްވުރެ މަތިކޮށްގެން ނަމަވެސް ބޭރުފައިސާގެ މާކެޓް ސްޓެބަލައިޒް ކުރުމަށް އެމްއެމްއޭއަށް މަޖުބޫރުވާނެ ކަމަށް. ނަމަވެސް މިކަންވާނީ އެންމެފަހުގެ ފިޔަވަޅެއްގެ ގޮތުންކަމަށް ވެސް ބުނެފައިވޭ. ބަޖެޓްގައި ލަފާކޮށްފައިވާ 1.35 ބިލިޔަން ރުފިޔާގެ ޓީބިލު ވިއްކަން ނުލިބިއްޖެނަމަ އަމަލު ކުރާނެގޮތުގެ ކޮންޓިންޖެންސީ ޕްލޭނެއް އޮތުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އެފަރާތުން ވަނީ އަލިއަޅުވައިލައްވައިފަ"


ގާސިމް ވިދާޅުވީ، ސަރުކާރުގެ އެހީއާއި އިސްތިރާކު އަދި ސަބްސިޓީގެ ގޮތުގައި ބަޖެޓްގައި 1.7 ބިލިޔަން ރުފިޔާ ހިމަނާފައި ވުމަކީ ރަނގަޅު ސިއްހަތެއްގައި ކުރިއަށްދާ ގައުމެއްގައި ކުރެވިގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި އެހާބޮޑު އަދަދެއްގެ ފައިސާ ބެހެންވެއްޖެނަމަ ރައްޔިތުންގެ މަސައްކަތް ކުރުމުގެ ރޫހު ކުޑަވެ ސަރުކާރަށް ޑިޕެންޑްވުން ބޮޑުވެ ގައުމުގެ އިންޕުޓަށްވުރެ އައުޓްޕުޓް ބޮޑުވެ ރައްޔިތުން، ސޯޝަލްވެފެއާ ސިސްޓަމަކަށް ޑިޕެންޑް ވެގެންހިނގައިދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.