27 Dec 2010, 11:57
ވޭތުވެ ދެ މަސް ދުވަހުގެ ތެރޭގައި ބިދޭސީންގެ ފަރާތުން ކޮށްފައިވާ ވައްކަންތަކާއި ވަގު ޑޮލަރު ގެންގުޅުން ފަދަ ކަންތައްތައް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ބިލްޑިންގްގެ ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕްރޮޕަޓީ އެންޑް ކްރައިމް ޔުނިޓުގެ ހެޑް ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު މިއަދު ވިދާޅުވީ ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ގިނަ ވައްކަންތަކަކެއް ބިދޭސީންކޮށްފައިވާ ކަމަށެވެ.
ޖަމްޝީދު ވިދާޅުވީ ޑިސެންބަރު 14 ވަނަ ދުވަހު ހ. ގަހަފަތިގޭ ގްރައުންޑް ފްލޯގައި ބިދޭސީން އުޅޭ ކޮޓަރިއެއް ބަލައި ޗެކް ކުރިއިރު ވަގަށް ނަގާފައި ހުރި ކޮސްމެޓިކްސް އާއި ބޭސްތަކެއް ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. އަދި އެ ކޮޓަރީގައި ދިރިއުޅޭ ބިދޭސީންނަކީ ބޭސް ފިހާރައެއްގައި މަސައްކަތް ކުރާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ކޮޓަރީގައި ދިއުޅެނީ ކޮންބައެއް ކަމެއް ނުވަތަ އެއީ ކިތައް މީހުންކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އެމީހުން އެ ފީހަރައިން ބައިލައްކައެއްހާ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށާއި އޭގެތެރެ އިން ގިނަ އަދަދެއްގެ ތަކެތި އެމީހުންގެ ގައުމަށް ވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހު ތެރޭގައި 12 ރުފިޔާގެ ވަގު ރެވެނިއު ސްޓޭމްޕްތަކެއް ހަދައިގެން ވިއްކަމުން ދިޔަ ބިދޭސީންގެ ބަޔަކު ވެސް އަތުލައިގަނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެމީހުންގެ އަތުން 1645 ސްޓޭމްޕް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާރަ ރުފިޔާގެ ސްޓޭމްޕްތައް އެމީހުން ވިއްކާފައި ވަނީ 10 ރުފިޔާ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެޗްއެސްބީސީން ބިދޭސީއަކު، އޭނާ މަސައްކަތް ކުރާ ކުންފުންޏަށް ނެގި 33000 ރުފިޔާ ކުންފުންޏަށް ގެންދަމުން އެ ތަކެތި ފޮރުވުމަށް ފަހު އޭނާ އަތުން ފައިސާ ދަބަސް ފޭރިގަތީކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ ތަހުގީގުން ފަހުން އެނގުނީ އެ ފައިސާތައް ފޮރުވީ އޭނާ ކަމަށެވެ.
ފުލުހުން ބުނީ ބިދޭސީ މީހާ، އޭނާ އަށް ބަޔަކު ހަމަލާދިން ކަމަށް ހެދުމަށް އޭނާގެ ބޮލުގެ ބައެއް ތަންތަނަށް ތޫނު އެއްޗަކުން އަމިއްލަ އަށް ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމަށެވެ.