23 Apr 2014, 21:54
އޭއެފްސީ ކަޕުގެ ގްރޫޕް އީގައި މިއަދު ކުޅުނު މެޗުގައި ފަހަތުން އަރައި ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން އިންޑިއާގެ ޗާޗިލް ބްރާދާސް މޮޅުވެއްޖެ އެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 2-1 ލަނޑުން ޗާޗިލް ކުރީގައި އޮވެގެންނެވެ. ގަދަ ވިއްސާރައިގައި ކުޅެމުން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ނިއު ރޭޑިއަންޓެވެ. ނަމަވެސް ދެވަނަ ހާފުގައި ޗާޗިލް އިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް، މެޗުގެ ތިން ޕޮއިންޓް ހޯދައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނިއު އަދި ޗާޗިލް އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވެއެވެ. އެގޮތުން ނިއުގެ ގައުމީ ޓީމު ފޯވަޑް އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ލިބުނު ހިލޭ ޖެހުމަކުން ނިއު އަށް ލީޑު ހޯދައިދިނީ މުހައްމަދު އުމައިރު އެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ރަތް ކާޑާއި ޕެނަލްޓީއެއް ފެނިގެން ދިޔަ އެވެ. މެޗުގައި ދެއްކި ދެ ރަތް ކާޑުގެ ތެރެއިން ފުރަތަމަ ރަތް ކާޑު ދެއްކީ ޗާޗިލްގެ ކެޕްޓަން ލެނީ ރޮޑްރިގޭޒް އަށެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ޗާޗިލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނިއުގެ ސެންޓޭ އަށް ކުރި ފައުލަކާއި ގުޅިގެންނެވެ. މެޗުގެ 47 ވަނަ މިނެޓްގައި ޗާޗިލްގެ ކެޕްޓަނަށް ދެއްކި ރަތް ކާޑާއެކު ނިއު އަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ނަމަވެސް އުމެއިރު ފޮނުވާލި ޕެނަލްޓީ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗުގެ ދެވަނަ ރަތް ކާޑު ދެއްކީ 54 ވަނަ މިނެޓްގައި ނިއުގެ ބިދޭސީ ކުޅުންތެރިޔާ ކުއާޓޭ އަށެވެ.
މެޗުގެ 63 ވަނަ މިނެޓްގައި ޗާޗިލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ނަވީން އެވެ. މެޗުގައި ޗާޗިލް އިން ލީޑު ނެގީ މެޗުގެ 66 ވަނަ މިނެޓުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންތޮނީ އެންޓަން ވުލްފު އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ނިއުގެ ޑިފެންޑަރު އަހްމަދު ޝާފިއު ކައިރިން ނައްޓުވައިލުމަށް ފަހު، ގޯލުގެ ހަނިކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި މެޗުން މޮޅުވި ނަމަވެސް ޗާޗިލް އަށް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ޗާޗިލް ދެ ވަނަ ބުރަށް ދަތުރުކޮށްފައި ވަނީ އެ ގްރޫޕްގައި އިންޑޮނޭޝިޔާގެ ޕެރެސްޕޫރާ އަތުން ދެ ލަނޑު ސުންލަންޑު ހޯމް ޔުނައިޓެޑް މޮޅުވެ، 10 ޕޮއިންޓް ހޯދުމުންނެވެ. އެހެން ކަމުން ޗާޗަލް އަށް ދެ ވަނަ ބުރު ލިބެނީ އެ ދެ ޓީމްގެ މެދުގައި ކުޅުނު ދެ މެޗުގެ ނަތީޖާ އިން ކުރިލިބިފައިވާތީ އެވެ. ޗާޗިލްއާ ދެކޮޅަށް ނިއު ނުކުތް އިރު ވެސް ނިއު ވަނީ މުބާރާތުން ކަޓައިފަ އެވެ. ގްރޫޕްގެ ފަހު މެޗުން ބަލިވެ، ކުޅުނު ހަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނިއު އޮތީ ގްރޫޕް އީގެ އެންމެ ފުލުގަ އެވެ.
އާންމުކޮށް ރާއްޖޭގައި ކުޅޭ މެޗުތައް، ހަވީރު ކުޅޭނަމަ 4:00ގައި އަދި ރޭގަނޑު ކުޅޭ މެޗުތައް 9:00ގައި، ފާާށާ ނަމަވެސް މިއަދުގެ މެޗު ފަށާފައިވަނީ، 6:30ގަ އެވެ.
އިރުއޮއްސޭ ގަޑި ނުވަތަ ދެ ނަމާދު ދޭތެރެ އަކީ އާންމުކޮށް ރާއްޖޭގައި މެޗުތައް ކުޅޭ ގަޑިއެއް ނޫނެވެ. ހަވީރު ހަތަރެއް ޖަހާ އިރު ފަށާ މެޗުތައް އާންމުކޮށް މަގްރިބް ނަމާދުގެ ބަންގީގެ ކުރިން ނިމެ އެވެ.