27 Dec 2010, 12:04
ވެރިކަން ދިފާޢު ކުރުމަށްޓަކައި ހަނގުރާމަ ކުރައްވަން ވެސް ތައްޔާރަށް ހުންނެވިކަމަށް އައިވަރީ ކޯސްޓްގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ލޮރަން ބަގްބޯ ގެ ސަރުކާރުން ބުނެފި އެވެ. މިދިޔަ ނޮވެމްބަރމަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ނަމަވެސް މަޤާމުން ދުރުވެ ވަޑައިގަތުމަށް ދެކޮޅު ހައްދަވާ ބަގްބޯގެ ތަރްޖަމާނަކު ވިދާޅުވީ ބަގްބޯގެ ވެރިކަން ޙިމާޔަތްކުރުމަށްޓަކައި ހަނގުރާމައަކަށްދާން ޖެހުނު ނަމަވެސް އައިވަރީ ކޯސްޓްގެ ސިފައިންގެ ލަޝްކަރުތައްވަނީ އެކަމަށް ތައްޔާރީ ޙާލަތުގަ އެވެ. ބަގްބޯގެ ތަރްޖަމާން މިހެން ވިދާޅުވީ އޭނާ ވެރިކަމުން ދުރުކޮށް އިންތިޚާބު ކާމިޔާބު ކުރެއްވި އެލަސަން ވުތާރާއަށް ވެރިކަމުގެ ބާރުތައް ހޯދައި ދިނުމަށްޓަކައި ޢަސްކަރީ ބާރެއް އައިވަރީ ކޯސްޓަށް ފޮނުވަން އެފްރިކާގެ 15 ޤައުމެއްގެ ލީޑަރުން ނިންމަވާފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ހަނގުރާމައިގެ ލަޝްކަރެއް ފޮނުވުމުގެ ކުރީގައި ބަގްބޯއާ ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރުމަށްޓަކައި މިޤައުމުތައް ތަމްޘީލް ކުރައްވާ މަންދޫބުންގެ ބަޔަކު މިހާރުވަނީ އައިވަރީ ކޯސްޓަށް ވަޑައިގެންފަ އެވެ.