މުޅި ހުޅުމާލޭން ފެނުގެ ހިދުމަތް ކެނޑި، އެތައް ބަޔަކު ފެނަށް ޖެހިއްޖެ އެވެ. ހުޅުމާލެއިން ފެންކެނޑިފައިވާތާ ތިން ގަޑިއިރުވެއްޖެ އެވެ.

މޯލްޑިވްސް ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޓް (އެމްޑަބްލިއުއެސްސީ)ގެ ހުޅުމާލޭ އޮފީހުން ބުނީ ފެނުގެ ހިދުމަތް މެދުކެނޑިފައި ވަނީ ޕަމްޕް ސްޓޭޝަނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ބުނީ ފެނުގެ ހިދުމަތް އަލުން ލިބޭނެ އިރެއް ބުނަން ނޭނގޭ ކަމަށެވެ.

" ފެނުގެ ހިދުމަތް އަލުން ލިބޭނެ ސީދާ ވަގި ގަޑިއެއް ދަންނަވާކަށް އަދި ނޭނގޭ، ޓެކްނިކަލް މީހުން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުން" ހުޅުމާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ އޮފީހުން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވިއެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ހުޅުމާލެއިން ފެނުގެ ހިދުމަތް ކެނޑިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން ބުނީ އެރަށުގެ ފެނުގެ ހިދުމަތަށް ފަހަކަށް އައިސް ވަރަށް ގިނައިން މައްސަލަ ޖެހޭ ކަމަށެވެ.

" ވަރަށް ގިނައިން މައްސަލަ ޖެހޭ. ދޭތެރެ ދޭތެރެއިން ކެނޑޭނެ. އެހެންނޫނީ ފެން އަންނަލެއް މަޑުވާނެ. އެންމެ ފަހުން ގޮސް މިއަދު މުޅިން ފެން ކެނޑުނީ ހެނދުނު 9.00 އެހާކަށް އާއިރު،" ހުޅުމާލެއިން ސަންއާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހުޅުމާލެއަކީ 30،000 ވުރެ ގިނަ މީހުން ދިރިއުޅޭ މާލޭގެ ހަ ވަނަ އަވަށެވެ.