ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ބިދޭސީ ކޮންމެ ޕަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މިހާރު ނަގާ 18 ޑޮލަރުގެ ބަދަލުގައި 25 ޑޮލަރު ނެގުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ބިދޭސީ ޕަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު ނެގުމަށް ސަރުކާރުގެ ފަރާތުން މަވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު ހުށަހެޅުއްވި ބިލް މުޅި މަޖިލިސް އެކުގައި ކޮމެޓީ އަށް ގެންގޮސްގެން ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގަ އެވެ.

ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރުގެ މަހުގެ 24 ވަނަ ދުވަހު އެވެ. އަދި އެ ބިލް މަޖިލީހަށް ބަލައިގެންފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީުގެ ޖަލްސާގަ އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ޕަސިންޖަރެއްގެ އަތުން އެއާޕޯޓް ސާވިސް ޗާޖު ނެގުމާ ބެހޭ ގާނޫނުގެ އެއް ވަނަ މާއްދާގެ އެއް ވަނަ ނަންބަރަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާޙުގައި ބުނެފައި ވަނީ ރާއްޖޭގެ އެއާޕޯޓްތަކުން ފުރާ ކޮނެމެ ބިދޭސީ ޕަސިންޖަރުންގެ އަތުން 25 އެމެރިކާ ޑޮލަރު ނެގުމަށެވެ.

މިހާރު ރާއްޖެ އިން ބޭރަށް ފުރާ ޕަސިންޖަރުންގެ ތެރެއިން ބިދޭސީ ޕަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ނަގަނީ 18 އެމެރިކާ ޑޮލަރެވެ.

ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ބިދޭސީ ކޮންމެ ޕަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 25 ޑޮލަރު ނެގުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ކޮމެޓީން ފާސްކުރި ނަމަވެސް އެއާ މެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.

ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ބިދޭސީ ކޮންމެ ޕަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 25 ޑޮލަރު ނެގުމަށް މަޖިލީހުން ފާސްކޮށްފި ނަމަ އެ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުންފެށިގެންނެވެ.