27 Dec 2010, 12:02
އުރުދުންގައި ކައިވެނިނުކުރާ އަންހެނުންނާއި ފިރިހެނުންގެ ޢަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ. ޖަމްޢިއްޔަތުލް އަލްޢަފާފް ނަމަކަށްކިޔާ އުރުދުންގެ ހިލޭ ސާބަހަށް މަސައްކަތްކުރާ އިޖްތިމާޢީ ޖަމްޢިއްޔާއަކުން ކުރި މިދިރާސާ ދައްކާގޮތުން އުރުދުންގައި ކައިވެނިކުރުމަށް ހުރަސްއެޅެނީ އެކަމަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުކަމުންނެވެ. މިދިރާސާ ދައްކާގޮތުން ކައިވެނިކުރުމުގެ ފުރްސަތު ނުލިބޭ ޢުމުރުން 30 އަހަރުންމަތީގެ 93633 އަންހެނުން 2009 ގައި އެބަތިއްބެވެ. މިއީ 1979 ވަނަ އަހަރާ އަޅާބަލާއިރު 20 އިންސައްތަ އިތުރު ޢަދަދެކެވެ. ފިރިހެނުންނަށް ބަލާއިރުވެސް މިޢަދަދުވަނީ މިމުއްދަތުގައި 18 އިންސައްތައަށް އިތުރުވެފަ އެވެ. 2009 ގައި އުރުދުންގައި ތިބީ ޢުމަރުން 15 އަހަރާއި 44 އަހަރާ ދެމެދުގެ 1.3 މިލިޔަން އަންހެނުންނެވެ. މީގެތެރެއިން ކައިވެނިކޮށްގެން އުޅެނީ 51.5 އިންސައްތަ އަންހެނުންނެވެ. ނަމަވެސް މިޢުމުރުފުރާގެ ފިރިހެނުންނަށް ބަލާއިރު ކައިވެނި ކޮށްގެން އުޅޭ ފިރިހެނުންގެ ނިސްބަތަކީ 53.1 އިންސައްތަ އެވެ. އުރުދުންގައި ކައިވެނި ކުރުމަށް އެޅިފައިވާ އިޖްތިމާޢީ ހުރަސްތަކުގެ ތެރޭގައި ޙަޔާތުގެ ބައިވެރިއަކު އަމިއްލައަށް އިޚްތިޔާރު ކުރުމަށް އަންހެނުންނަށާއި ފިރިހެނުންނަށްވެސް އޮންނަ ފުރްސަތު ކުޑަވުމާއި ޢައިލާއިން ނިންމާ ފަރާތަކާ ކައިވެނި ކުރަންޖެހުމާއި ކައިވެނީގެ އަގުބޮޮޑުވުމާއި ރަނުގެ އަގު ބޮޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ.