ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ މުއައްޒަފުންގެ މުސާރައާއި އިނާޔަތްތަށް ހަމަހަމަކުރުމަށް ގޮވާލައި ސިވިލް ސާވިސްގެ މުއައްޒަފުން ސޮއިކޮށް ހުށައަޅަން ނިންމާފައިވާ ޕެޓިޝަންގައި މިހާތަނަށް 10000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

މޯލްޑިވްސް ސިވިލްސާވަންޓްސް އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ށ)ގައި އެއް މަސައްކަތަކަށް އެއް އުޖޫރައެއް ލިބުމުގެ ހައްގު ކަށަވަރު ކޮށްދީފައިވީ ނަމަވެސް، ސިވިލް ސާވިސްގައި މަސައްކަތްކުރައްވާ މުއައްޒަފުންނާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުއައްޒަފުންގެ ދެމެދު މުސާރައާއި އިނާޔަތްތަށް ދިނުމުގައި ވަރަށް ބޮޑަތި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށެވެ.

އެހެންކަމުން އެކަން ހައްލުކުރުމަށް ގޮވާލައި ސިވިލް ސާވިސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށާއި ކަމާ ބެހޭ ދައުލަތުގެ އެކި މުއައްސަސާތަކަށް ޕެޓިޝަނެއް ހުށައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ސިވިލް ސާވިސް މުއައްޒަފުން ވެސް ހިމަނައިގެން ވީހާ ވެސް ގިނަ އަދަދެއްގެ ބޭފުޅުން އެ ޕެޓިޝަންގައި ސޮއިކުރުމަކީ ދައުލަތުގެ މުއައްޒަފުންގެ މުސާރަ ހަމަހަމަކުރުމަށް އެޅޭނެ ވަރަށް ބޮޑު ބާރެއްކަމުގައި ދެކޭކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

އެހެންކަމުން ޕެޓިޝަންގައި ސޮއިކުރުމަށް މީގެ ކުރިން މިމަހުގެ 20 ވަނަ ދުވަހަށް ހުޅުވާލާފައިވީ ނަމަވެސް މިހާރު އެ މުއްދަތު ވަނީ މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ.