23 Apr 2014, 12:37
އިންޓަނެޓް ސްޕީޑް ހަލުއިކުރުމުގެ ގޮތުން ދިރާގުން ޗައިނާގެ ކުންފުއްޏަކާއެކު 95 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގައި ސޮއިކޮށްފިއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި ދިރާގުގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ވަހީދުއާއި ދިރާގުގެ ސީއީ އިސްމާއިލް ރަޝީދު އެވެ. ޗައިނާގެ ހުއާވި ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޑެނިއަލް ސުން އާއި ޑެޕިއުޓީ ސީއީއޯ ޖުން ޗަން އެވެ.
އެހަފްލާގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ އެމްޑީ އިސްމާއިލް ވަހީދު ވިދާޅުވީ، 95 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ ޕްރޮޖެކްޓްގައި ދިރާގުގެ ޑާޓާ ނެޓްވޯކްގެ ސުޕީޑް ރަނގަޅު ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން 3ޖީ އާއި 4ޖީ ގެ ސްޕީޑް "ވަރަށް ބޮޑުތައް އަވަސް ވެގެންދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާގެ ހުއާވި ޓެކްނޮލޮޖީސްގެ ސީއީއޯ ޑެނިއަލް ސުން ވިދާޅުވީ، ދިރާގާއެކު އެފަދަ ޕްރޮޖެކްޓެއް ހިންގަން ލިބޭތީ ވަރަށް އުފާކުރާ ކަމަށާއި އެ ޕްރޮޖެކްޓާއެކު ދިރާގުގެ އިންޓަނެޓް ސްޕީޑަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ދިރާގުގެ ސީއީ އިސްމާއިލް ރަޝީދު ވިދާޅުވީ، އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާއިރު މިއަހަރު ތެރޭގައި އެމަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދިރާގުން ބުނިގޮތުގައި ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ދިރާގުގެ އިންޓަނެޓް ހިދުމަތް ތައާރަފްކުރެވިގެންދާނެ އެވެ.