23 Apr 2014, 10:57
މީހެއްގެ ބަނޑުން 12 ގަނޑު ރަން ނަގަން އިންޑިއާގެ ޑޮކްޓަރުން ކާމިޔާބު އޮޕަރޭޝަނެއް ނިންމާލައިފި އެވެ.
ރަންތަކެއް ދިރުވާލައިގެން ހުރި މީހާ، އިންޑިއާގެ ހޮސްޕިޓަލަކަށް ފުރަތަމަ ދިޔައީ ބަނޑުގައި ރިއްސާތީ އެވެ. އޭރު ވެސް އޭނާ ރަންތަކެއް ދިރުވާލައިގެން އޫޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމުގައި ޑޮކްޓަރުން ހާމަކުރެ އެވެ.
ފުލުހުންނާއި ޑޮކްޓަރުން މައުލޫމާތުދޭ ގޮތުގައި ބާރަ ގަނޑު ރަން ދިރުވާލައިގެން ހުރި މީހާ އެކަން ކުރީ އިންޑިއާ އަށް އެތެރެ ކުރަން އުޅުނު ރަން ގަނޑުތަކަށް ނަގާ ޑިއުޓީ ފީ އިން ސަލާމަތްވުމަށްޓަކައި ކަމަށެވެ. އިންޑިއާ އަށް އެތެރެކުރާ ރަނަށް ދިހަ ޕަސެންޓް ޓެކްސްއެއް ނަގަ އެވެ.
ރަން ގަނޑުތައް ދިރުވާލައިގެން ހުރި މީހާއަކީ 63 އަހަރުގެ މީހެއް ކަމަށާއި އެއީ އިންޑިއާގެ ރައްޔިތެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
އެ މީހާގެ ބަނޑުން ރަންތައް ނަގަން ކުރި އޮޕަރޭޝަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރު ސީއެސް ރަމަޗަންދަރަން ބުނީ، އޮޕަރޭޝަނު ކުރިއަށް ދިޔައީ ނިއު ދިއްލީގައި ހުންނަ ހޮސްޕިޓަލެއްގައި ކަމަށާއި އެ މީހާ އައީ އާންމު ބައްޔަކަށް ފަރުވާ ހޯދުމަށް ކަމަށް ބުނެ ކަމަށެވެ.
"އޭނާ ފުރަތަމަ ބުނީ ޑޮކްޓަރަށް ދައްކަން އައީ ބަނޑުގައި ރިއްސާތީ ކަމަށް. ދެން ފަހުން ބުނީ ޕްލާސްޓިކް ފުޅިއެއްގެ މަތިގަނޑެއް ދިރުވާލެވިގެން ކަމަށް. އެކްސްރޭ ތަކުން ދެއްކި އޭނާގެ ބަނޑު ތެރޭގައި އެއްޗެހިތަކެއް ހުރިކަން. ނަމަވެސް އޭރަކު އަހަރެންމެންނަކަށް ނޭނގޭ އެއީ ރަން ގަނޑުތަކެއް ކަމެއް. އޭނާގެ ބަނޑުން ރަންތަކެއް ނެގުމުން ފުރަތަމަ ވެސް ލިބުނީ ބޮޑު ހައިރާންކަމެއް،" ޑޮކްޓަރު ބުންޏެވެ.
ގޯލްޑް ކައުންސިލުގެ ރިޕޯޓްތަކަށް ބަލާ އިރު، ދުނިޔޭގައި ދެވަނަ އަށް ރަނުގެ އެންމެ ބޮޑު ވިޔަފާރި ކުރާ ފަރާތަކީ އިންޑިއާ އެވެ. އެއްވަނައިގައި އުޅެނީ ޗައިނާ އެވެ. މިދިޔަ އަހަރުގެ އިންޑިއާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާގެ ރަނުގެ އިންވެސްޓްމަންޓް 16 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.
މައުލޫމާތު: ސީއެންއެން