ޏ. ފުވައްމުލަކުގެ އިޖްތިމާޢީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ހާހަކަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް ލިޔުމެއް ހުށަހަޅައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ އެ ރަށުގެ އިޖްތިމާޢީ ހާލަތު ގޯސްވެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް 1225 މީހުން ސޮއިކޮށްފައިވާ ލިޔުމެއް އެ ރަށުގެ ހަތަރު މީހަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝަހިދާ ބައްދަލުކޮށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގެ އިޖްތިމާޢީ ހާލަތު ދުވަހުން ދުވަހަށް ގޯސްވެ، މާރާމާރީ އާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތުމާއި މީހުންގެ ފުރާނަ އަށް ގެއްލުންދިނުން ފަދަ ކަންތައްތައް އިތުރުވެފައިވާ ކަމަށް އެ ލިޔުމުގައި ހާމަކޮށްފައިވެ އެވެ. އަދި އެފަދަ ޢަމަލުތައް ހުއްޓުވައި ދެއްވުމަށް ޝަރުޢީ ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމަށް ބޭނުންވާ ހުރިހާ ގާނޫނުތައް ފާސްކޮށްދިނުމަށް ވެސް އެ ބޭފުޅުން މަޖިލީހުގެ ރައީސާއި މެމްބަރުންގެ ކިބައިން އެދުނު ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.


މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ މެމްބަރުންގެ ސަމާލުކަމަށް ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.