23 Apr 2014, 09:20
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް އިޓަލީގެ ވަރުގަދަ ކްލަބެއް ކަމަށްވާ އިންޓަ މިލާނުގެ ކުރީގެ ކުޅުންތެރިން ހިމެނޭ ޓީމު އަންނަ މަހު އެއް ވަނަ ދުވަހު މާލޭގައި ކުޅެން ރޭވި ފުޓްބޯޅަ މެޗު ވޯލްޑް ކަޕަށް ފަހު ބާއްވަން ފަސްކޮށްފި އެވެ.
އަމިއްލަ ކުންފުންޏެއް ކަމަށްވާ އޭޑީއެސްއެސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވަން ރޭވި ތާރީހީ ފުޓްބޯޅަ މެޗު، އަންނަ ޖޫން މަހު ބާއްވާ 12 އިން ޖުލައި 13 އަށް ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕަށް ފަހު ބާއްވަން ފަސްކޮށްފައިވާކަން އެ ކުންފުނީގެ ޑައިރެކްޓަރު، ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް ފޮރިން ރިލޭޝަންސް އަލީ ހަމީދު 'ސަން' އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
"މި މެޗު ފަސްކުރުމަށް އަޅުގަނޑުމެން ނިންމި ފުރަތަމަ ކަމަކީ ގައުމީ ޓީމު ތައިލެންޑްގައި ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑްގައި ކޭމްޕް ކުރުމާއި ގުޅިގެން އެ މެޗަށް ފުށޫއަރާތީ އާއި ގައުމީ ޓީމާ އެއްކޮށް މި މެޗު ބޭއްވުމަކީ އަޅުގަނޑުމެން ފުރަތަމަ ކުރާ ހަރަކާތަކަށްވެފައި ފަސްކުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަވާތީ. މިހާރު މި މެޗު ކުޅޭނީ ވޯލްޑް ކަޕަށް ފަހު،" އަލީ ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މެޗު ފަސްކުރަން ޖެހުނު އަނެއް ސަބަބަކީ ޓިކެޓްގެ އަގުބޮޑުވުމުގެ ޝަކުވާ އާންމުން ކުރަމުންދާތީ، އަގު ކުޑަކުރުމުގެ ބޭނުމުގައި ކަމަށެވެ. ކުރިން މެޗުގެ ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ، ސިޑިބަރިން 500 ރުފިޔާ އަދި ގޮނޑިބަރިން 650 ރުފިޔާ އަށެވެ.
"ދެވަނަ ކަމަކީ ޕަބްލިކް (އާންމުން)ގެ ޝަކުވާ. ޓިކެޓްތަކުގެ އަގުތައް އަދި ކުޑަކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން. އަޅުގަނޑުމެން ވޯލްކަޕްގެ ކުރިން މެޗު ބޭއްވޭތޯ އަޅުގަނޑުމެން މަޝްވަރާ ކުރިން ތާރީހުތަކެއް ކަނޑައެޅޭތޯ. އެކަމަކު އަޅުގަނޑުމެންނަށް އިންޓަގެ ކުޅުންތެރިން ހާޒިރުވުމުގެ ކުޑަ އުނދަގޫތަކެއް ދިމާވާތީއާ އެއްކޮށް މެޗު ބާއްވަން އެންމެ އެކަށީގެންވާ ތާރީހަކީ ފެނިގެން މި ދިޔައީ ވޯލްޑް ކަޕްގެ ފަހަށް މި މެޗު ފަސްކޮށްލަން،" އަލީ ހަމީދު ވިދާޅުވި އެވެ.
އިންޓަގެ ކުރީގެ ކުޅުންތެރިންނާއި ގައުމީ ޓީމު ކުޅޭ މެޗު ބޭއްވުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް އޭޑީއެސްއެސްގެ ފަރާތުން އަލީ ހަމީދު ޝުކުރު އަދާކުރި އެވެ. މެޗު ލަސްކުރުމުން ހެޔޮ ބަދަލެއް އަންނާނެ ކަމުގައި ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
"މިއަދާ ހަމައަށް އަޅުގަނޑުމެން އެފްއޭއެމް އަދި ސްޕޮންސަރުން އަދި އަޅުގަނޑުމެންގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކެއްގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބުނު. އެހެންކަމުން ހުރިހާ ފަރާތްތަކަށް ވެސް އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި މެޗު ފަސްކުރަން ޖެހުމުން އާންމުންނަށް މައާފަށް އެދެން. މި ގެނެވުނު ބަދަލަކީ ހެޔޮ ބަދަލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އަރުވަން. މި މުއްދަތުގެ ތެރޭގައި ޓިކެޓްތަކުގެ އަގުތަކަށް ބޮޑު ބަދަލެއް ގެނައުމަށް ފުރުސަތެއް ލިބޭނެ. މިކަމުގެ ސަބަބުން އިތުރު ސްޕޮންސަރުންނަށް ފުރުސަތު ދެވޭނެ،" އަލީ ހަމީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އޭޑީއެސްއެސް އިން އިންތިޒާމުކުރާ މެޗު ބޭއްވޭނެ ތާރީހެއް ވޯލްޑް ކަޕް ފެށުމުގެ ކުރިން ކަނޑައަޅާނެ ކަމަށެވެ.