Last Updated:
1 decade 2 year ago

އެއްވެސް ދާއިރާއެއްގެ އިންތިހާބު ހައި ކޯޓުން ބާތިލެއް ނުކުރި

    ބުލޮގު ޚުލާސާ
    ކާށިދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް ހުށަހަޅާފައިވާ ދެ މައްސަލާގެ ހުކުމް އިއްވުމުގެ ޝަރީއަތް ފަށައިފި އެވެ.

    އެ ދެ ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު އެ މައްސަލައިގެ ހުކުމް އިއްވުން އޮތީ މިއަދު ހެނދުނު 9:00 ގަ އެވެ. ހުކުމް އިއްވުމުގެ ޝަރީއަތަށް އެ މައްސަލާގައި ހިމެނޭ ހަސްމުންނާއި ނޫސްވެރިން މިހާރު ވަނީ އަޑުއެހުމަށް ވައްދާފަ އެވެ.

    ކާށިދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައާއެކު 13 ދާއިރާއެއްގެ އިންތިހާބީ މައްސަލައިގެ ހުކުމް ހައި ކޯޓުން މިއަދު އިއްވާނެ އެވެ.

    ގެމަނަފުށި ދާއިރާ އާއި ކެރެންދޫ ދާއިރާ އާއި ތިމަރަފުށީ ދާއިރާ އާއި ފޭދޫ ދާޢިރާ އާއި ފުނަދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި ނޮޅިވަރަމް ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާ އާއި ނައިފަރު ދާއިރާގެ އިންތިހާބީ މައްސަލައިގެން ހުކުމް ވެސް މިއަދު އިއްވާނެ އެވެ.

    14:55

    މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ބާތިލް ކުރުމަށް ހުށަހެޅި ނުވަ ދާއިރާގެ އިންތިޚާބު ބާތިލް ކުރެވެން ނެތް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

    އިންތިޚާބީ ޝަކުވާގެ ގޮތުގައި ޖުމްލަ 13 މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައި ވެ އެވެ. އޭގެތެރޭގައި ހިމެނެނީ އިންތިޚާބު ބާތިލް ކުރަން ހުށަހެޅި ނުވަ ދާއިރާގެ މައްސަލަ އާއި ތިން ރަށެއްގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ބާތިލް ކުރަން ހުށަހެޅި މައްސަލަ އެވެ. އަދި ވޯޓު ފޮއްޓެއްގެ ނަތީޖާ އަލުން ގުނައިދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް މައްސަލައެއް ހުށަހަޅާފައި ވެ އެވެ.

    އިންތިޚާބު ބާތިލް ކުރަން ހުށަހެޅި ދާއިރާ ތަކަކީ ހިތަދޫ މެދު ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާ އާއި ކާށިދޫ ދާއިރާ އާއި ފޭދޫ ދާއިރާ އާއި ފުނަދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި އިސްދޫ ދާއިރާ އާއި ވިލިނގިލީ ދާއިރާގެ އިތުރުން ނައިފަރު ދާއިރާ އެވެ.

    ގެމަނަފުށީ ދާއިރާގެ ދެއްވަދޫގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ބާތިލް ކުރަން ހުށަހެޅީ އެމްޑީޕީން ނެވެ. ތިމަރަފުށީ ދާއިރާގެ ވޭމަންޑޫގައި ބެހެއްޓި ފޮށީގެ ނަތީޖާ ބާތިލް ކުރަން ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ޝަރީފް ހުށަހެޅުއްވި އިރު ނޮޅިވަރަމް ދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި ފޮށީގެ ނަތީޖާ ބާތިލް ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާރިފް އެވެ.

    އެމްޑީޕީ އާއި އެ ޕާޓީގެ ކެންޑިޑޭޓުން ހުށަހެޅުއްވި މައްސަލަތަކުގައި ޖުމްލަކޮށް ބުނެފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުން ސަރުކަރުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެންނާއި މީހުންނަށް ރިޝްވަތުދީގެން ވޯޓު ހޯދާފައިވާ ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ހުކުމްތަކުގައި ބުނެފައި ވަނީ އެފަދަ އެއްވެސް އަމަލެއް ޕީޕީއެމްގެ ކެންޑިޑޭޓުން ކުރި ކަން ސާބިތުކުރެވޭ ވަރުގެ ހެކި ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

    ޕީޕީއެމްގެ ކެންޑިޑޭޓުން ހުށަހެޅުއްވި މައްސަލަތަކުގައި ބުނެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން މީހުންނަށް ރިޝްވަތުދީގެން ވޯޓު ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް އެމްޑީޕީގެ ކެންޑިޑޭޓުން ކުރިކަން ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ޝަރީއަތަށް ހުށަހެޅިފައިނުވާ ކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

    ނޮޅިވަރަމް ދާއިރާ އަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާރިފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ވޯޓުލުން ފަށާފައި ވަނީ ކުރިން ކަނޑައަޅާފައި އޮތް ވަގުތަށްވުރެ ފަހުން ކަމަށާއި އޭގެބަދަލުގައި ވަގުތު އިތުރު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި އޭގެސަބަބުން ވޯޓުލާން ދިޔަ ބައެއް މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިފައިވާ ކަމަށް ވެސް އެ މައްސަލައިގައި ވަނީ ބުނެފަ އެވެ.

    އެ މައްސަލައިގެ ހުކުމްގައި ބުނެފައި ވަނީ ވޯޓުލުން ނިންމާ ގަޑި އިތުރު ނުކުރެވޭނެ ކަމަށް އިންތިޚާބު ކުރިއަށްދިޔަ އިރު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ކަމަށެވެ. އަދި ވޯޓުލުން ބަންދު ކުރި އިރު ކިޔުގައި ހުރީ އެންމެ މީހެއް ކަމަށާއި އެއަދަދަކީ އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނާނެ އަދަދެއް ނޫން ކަމަށް ވެސް އެ ހުކުމްގައި ވަނީ ކަނޑައަޅައިފަ އެވެ.

    ރިޝްވަތުދިން ކަމަށް ތުހުމަތުކޮށްފައިވާއިރު، އެފަދަ މައްސަލަތައް އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯ އަށާއި ތަހުގީގީ އިދާރާތަކަށް ހުށަހަޅާފައި ނުވާ ކަމަށް ހުކުމްތަކުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެފަދަ ކަންކަމަކީ ނަތީޖާއަށް ބަދަލުއަންނާނެ ވަރުގެ ކަމެއް ކަމަށް ގަބޫލުކުރެވޭނަމަ އޭރުވެސް އެފަދަ މައްސަލަތައް ޝަކުވާގެ ގޮތުގައި ހުށަހަޅާނެ ކަމަށް ފަނޑިޔާރުންނަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެ ހުކުމްތަކުގައި ވަނީ ބުނެފަ އެވެ.

    އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި 85 މެމްބަރުން ހުވާކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. ޕީޕީއެމުން ވަނީ އިންތިހާބުގައި 33 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިދިކޮޅު އމެްޑީޕީން ވަނީ 26 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އެމްޑީއޭ ފަސް ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ޖޭޕީން ވަނީ 15 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަމިއްލަ ގޮތުން ކުރިމަތިލެއްވި ފަސް މެމްބަރަކު މަޖިލީހަށް އިންތިހާބުވެފައިވާއިރު، އަދާލަތައް ލިބިފައިވަނީ އެންމެ ގޮނޑިއެކެވެ.

    13:56

    ނައިފަރު ދާއިރާގެ އިންތިހާބު ވެސް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ހައި ކޯޓުން ހުކުމްކޮށްފި.
    13:48

    ނައިފަރު ދާއިރާގެ ހުކުމުގެ ޝަރީއަތް ފަށައިފި. ޖުމްހޫރީ ޕާޓީން ހައި ކޯޓުގައި އެދިފައި ވަނީ އެ ދާއިރާގެ މުޅި އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބު ބާއްވައި ދިނުމަށް.
    13:40

    ގެމަނަފުށީ ދާއިރާގެ ދެއްވަދޫ ވޯޓު ފޮށީގެ ނަތީޖާ ބާތިލް ކުރަން ހުށަހެޅި މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައި ނުވާތީ، އެ ރަށުގެ ވޯޓު ފޮށީގެ ނަތީޖާ ބާތިލު ކުރާނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި.
    13:26

    ގެމަނަފުށީ ދާއިރާގެ އިންތިހާބުގެ މައްސަލައިގެ އަޑުއެހުމަށް އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޖަމީލު އުސްމާން ހައި ކޯޓަށް ވަޑައިގެންފި.
    12:39ހައި ކޯޓުން

    ގެމަނަފުށީ ދާއިރާ އާއި ނައިފަރު ދާއިރާ ހުކުމް އިއްވާނީ މެންދުރުފަހު ހުކުމް. ގެމަނަފުށީ ދާއިރާގެ ހުކުމް ޝެޑިއުލްކޮށްފައި ވަނީ މެންދުރުފަހު 1:30 އަށް. ނައިފަރު ދާއިރާގެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ މެންދުރުފަހު 1:50 އަށް.
    12:03

    އިސްދޫ ދާއިރާގެ އިންތިހާބު ވެސް ބާތިލް ކުރާނެ ހެއްކެތް ނެތް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި.
    11:45

    ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ވެސް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި. އިސްދޫ ދާއިރާގެ ހުކުމުގެ ޝަރީއަތް ކުރިއަށްދަނީ.
    11:25

    ނުވަ ދާއިރާއެއްގެ އިންތިހާބީ މައްސަލައިގެ ހުކުމް ހައި ކޯޓުން މިހާރު ވަނީ އިއްވާފައި. މިއަދަށް ޝެޑިއުލްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ބާކީ ހަތަރު ދާއިރާއެއްގެ ހުކުމްގެ ޝަރީއަތް އަދި ނުފަށާ.

    މިއަދު ހުކުމް ކުރަން ޝެޑިއުލްކޮށްފައިވާ އިތުރު މައްސަލަތަކަކީ ހިތަދޫ އުތުރު ދާއިރާ އާއި ނައިފަރު ދާއިރާ އިސްދޫ ދާއިރާ އާއި ގެމަނަފުށީ ދާއިރާގެ އަޑު އެހުން. ގެމަނަފުށީ ދާއިރާގެ މައްސަލައިގެ ހުކުމް ކުރާނީ މެންދުރުފަހު 1:30 ގައި. އަދި ނައިފަރު ދާއިރާގެ ހުކުމް ކުރާނީ 13:50 ގައި.

    11:23

    ވިލިނގިލީ ދާއިރާގެ އިންތިހާބު ބާތިލް ކުރެވެން ނެތް ކަމަށް ހުކުމްކޮށްފި. ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާތީ އެ ދާއިރާގެ އިންތިހާބު ބާތިލް ކުރެވެން ނެތް ކަމަށް.
    11:07

    ނޮޅިވަރަމް ދާއިރާގެ މާލޭ ފޮށީގެ ނަތީޖާ ބާތިލް ކުރެވެން ނެތް ކަމަށް ހައި ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފި.

    ނޮޅިވަރަމް ދާއިރާއަށް ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާރިފް ހުށަހެޅުއްވި މައްސަލާގައި އެދިފައި ވަނީ މާލޭގައި ބެހެއްޓި ނޮޅިވަރަމް ދާޢިރާގެ ފޮށީގެ ނަތީޖާ ބާތިލްކޮށް އަލުން މާލޭ ފޮށީގެ އިންތިހާބު ބާއްވައި ދިނުމަށް.

    10:46

    ވިލިނގިލީ ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެން އަޑުއެހުން ފަށައިފި. ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑު އެހުން ވަނީ ފަށާފައި.

    ހިތަދޫ އުތުރު ދާއިރާގެ އިންތިހާބުގެ ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ފަށާނީ 11:00 ގައި.

    10:16

    ފެދޫ ދާއިރާގެ އިންތިހާބު ވެސް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި. އެ ދާއިރާގެ އިންތިހާބު ބާތިލް ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ކެންޑިޑޭޓް ނިހާދު.
    10:06

    ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެން ހުކުމް އިއްވުމުގެ އަޑު އެހުން ދާދިދެންމެއަކު ފަށައިފި. އަދިވެސް ފޭދޫ ދާއިރާގެ ހުކުމް އިއްވުމުގެ ޝަރީއަތް ނުނިމޭ. އިންތިހާބީ ކޮންމެ މައްސަލައެއް ވެސް ހައި ކޯޓުން ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން.
    10:02

    މިހާތަނަށް ފަސް ދާއިރާގެ އިންތިހާބީ މައްސަލައިގެ ހުކުމް ކުރިއިރު، ބާކީ އަށް ދާއިރާގެ އިންތިހާބުގެ މައްސަލައިގެ ހުކުމް އިއްވުން މެންދުރުފަހު 1:50 އާ ހިސާބަށް ކުރިއަށްދާނެ. މިހާރު ކުރިއަށްދަނީ ފޭދޫ ދާއިރާގެ ހުކުމުގެ އަޑު އެހުން.
    09:59

    ށ. ފުނަދޫ ދާއިރާގެ އިންތިހާބު ވެސް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފި.
    09:51ހައި ކޯޓުން

    ފޭދޫ ދާއިރާ އާއި ފުނަދޫ ދާއިރާގެ އިންތިހާބުގެ މައްސަލާގެ ހުކުމް އިއްވުމުގެ ޝަރީއަތް ދާދި ދެންމެއަކު ފަށައިފި. އެ މައްސަލާގައި ހިމެނޭ ހަސްމުންނާއި ނޫސްވެރިން މިހާރު ތިބީ އަޑު އެހުމަށް ހައި ކޯޓަށް ވަދެ.
    09:47

    ކުރެންދޫ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި.
    09:42

    ތިމަރަފުށީ ދާއިރާގެ އިންތިހާބު ބާތިލް ކުރެވެން ނެތް ކަމަށް ވެސް ހައި ކޯޓުން ހުކުމްކޮށްފި. ތިމަރަފުށީ ދާއިރާގެ މިހާރުގެ މެމްބަރު އަހްމަދު ޝަރީފު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިފައިވަނީ ތ. ވޭމަންޑޫގައި ބެހެއްޓި ވޯޓު ފޮށި އަލުން ގުނައިދިނުމަށް.
    09:32

    ތިމަރަފުށީ ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލާގެ ހުކުމް އިއްވުމުގެ ޝަރީއަތް ވެސް ފަށައިފި. ތިމަރުފުށީ ދާއިރާގެ އިންތިހާބު ބާތިލް ކުރަން ހުށަހަޅުއްވާފައި ވަނީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފް.
    09:22ހައި ކޯޓުން

    ކުރެންދޫ ދާއިރާގެ އިންތިހާބީ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތަށް ނޫސްވެރިން ހައި ކޯޓަށް ވައްދައިފި. ކުރެންދޫ ދާއިރާގެ އިންތިހާބުގެ މައްސަލަ ހައި ކޯޓަށް ވެއްދީ ޖުމްހޫރީ ޕާޓީން. އެ ޕާޓީން އެދިފައި ވަނީ އެ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއް އަލުން ގުނައިދިނުމުގެ އަމުރަކަށް.
    09:19ހައި ކޯޓުން

    ކާށިދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރެވެން ނެތް ކަމަށް ވެސް ހައި ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފި.
    09:17

    ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލް ކުރެވެން ނެތް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި.