27 Dec 2010, 11:24
ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މާލެ ވަޑައިގަތުމުގެ ކުރިން ޑީއާރުޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރާތީވެ، އެ ތާރީހު ފަސްކޮށްދެއްވުމަށް ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަރިހުން ނައިބު ލީޑަރު އިލްހާމް އަހުމަދު އެދިވަޑައިގެންފި އެވެ.
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު އިލްހާމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޑީއާރުޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ހދ. ހަނިމާދޫގައި ބާއްވާ ގޮތަށް ނިންމުމުން ރައީސް މައުމޫނަށް ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައި ނުގެންނެވޭ ކަމަށާއި ވުމާ އެކު، ރައީސް މައުމޫނަށް ޖަލްސާގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސަވައި، ކެމްޕެއިން ފަށާ ތާރީހު ފަސްކޮށްދެއްވުމަށް ތަސްމީންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
ޑީއާރުޕީގެ ޒައީމް މައުމޫން މާލެ ވަޑައިގަންނަވާނެ ދުވަހަކަށް ޕާޓީގެ މެންބަރުން އިންތިޒާރު ކުރަމުންދާ ކަމަށާއި ޕާޓީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ވެސް ޒައީމް މައުމޫން ކެމްޕެއިން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް އެދޭ ކަމަށް. އިލްހާމު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ޑީއާރުޕީގެ އެތެރޭގައި ނިންމާ ނިންމުންތަކަކީ ޕާޓީގެ ގުނަވަންތަކުން ނިންމާ ނިންމުންތަކެއް ކަމުގައިވާ ނަމަ ކެމްޕެއިން ޖަލްސާ ބާއްވާނެ ތާރީހަކާއި ތަނެއް ވެސް ކަނޑައަޅާނީ ޕާޓީގެ ގުނަވަންތަކުން ކަމަށެވެ.
"ޕާޓީގެ ގުނަވަނަކުން ނިންމި ނިންމުމެއް ނޫން ކެމްޕެއިން ޖަލްސާ ބާއްވާނެ ތާރީހާކާއި ތަނެއް ކަނޑައަޅާފައި ވަނީ. މިހާރު ޕާޓީ ތެރޭގައި ކަންކަން ނިންމަމުންދަނީ ވަކި ބަޔަކު ބޭނުންވާ ގޮތަށް، ވަކި ބަޔަކު މަހުރޫމްކޮށްގެން." އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ތަސްމީނަށް ފޮނުއްވެވި، ސިޓީއާ ގުޅިގެން ތަސްމީންގެ ފަރާތުން ޑީއާރުޕީ މީޑިއާ އޮފިޝަލް އަލީ ސޯލިހް ވިދާޅުވީ "އިލްހާމް ތަސްމީނަށް ސިޓީއެއް ފޮނުއްވި ކަމެއް އަދި މިހާތަނަކަށް އަޅުގަނޑުމެންނަކަށް އެނގިފައެއް ނުވާ." ކަމަށެވެ.