22 Apr 2014, 20:12
އާ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮއްވެވުމަށް އަންނަ މަހުގެ 28ގައި ނަގާ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރަން ތާއިދު ކުރާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.
ގާނޫނުގެ އަސާސީގެ 82 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮއްވެވުމަށް ނަގާ ވޯޓަކީ ސިއްރު ވޯޓެކެވެ. އެ ވޯޓުގެ ސިއްރުކަން އިތުރަށް ކަށަވަރު ކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އެދިވަޑައިގަތުމަކަށް މަޖިލީހުގެ ގަވާއިދަށް އިސްލާހުތަކެއް ގެނައުމަށް އާންމު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު މޫސާ ޒަމީރު "ސަން"އަށް މިއަދު ވިދާޅުވީ، އާ މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު ހޮއްވެވުމަށް ނަގާ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތުގައި ޕީޕީއެމް މެމްބަރުން ބައިވެރިވެފައިވާނެ ކަމަށެވެ. ކޮމެޓީ މަރުހަލާގައި އެ މަސައްކަތުގައި ބައިވެރިވެފައިވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަކީ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރާއި އަލީ އާރިފާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އެވެ.
ޒަމީރު ވިދާޅުވީ، ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށް މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ ކަންތައްތަކަކީ ވަރަށް މުހިއްމު ކަންތައްތަކެއް ކަމަށާއި އެއީ އިންތިހާބެއްގައި ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކެއް ކަމަށެވެ.
މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ހޮއްވަވާ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށް ޕީޕީއެމުން ތާއިދު ކުރާ ކަމަށް ބުނެފައިވާއިރު، އެމްޑީޕީ ވެސް އެކަމަށް ތާއިދު ކުރެ އެވެ.
މަޖިލީހުގެ ގަވާއިދުގެ ހަ ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށް އާންމު ކޮމެޓީން ފާސްކޮށްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ހޮއްވެވުމަށް ނަގާ ސިއްރު ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު އެ ނޫން އެއްވެސް ކުރެހުމެއް، ލިޔުމެއް ނުވަތަ ނިޝާނެއް ޖަހައިފިނަމަ އެ ވޯޓަކީ ބާތިލް ވޯޓެކެވެ. އަދި ސިއްރު ވޯޓުގެ ކަންތައްތައް ކުރިއަށް ގެންދާނީ މަޖިލީހުން ހޮއްވަވާ ފަސް މެމްބަރުންގެ ކޮމެޓީއަކުން ކަމަށާއި ވޯޓު ނަގައި ނިމުމުން ވޯޓުގެ ނަތީޖާ ޝީޓުގައި އެ މެމްބަރުން ސޮއި ކުރަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހުގައިވެ އެވެ.