22 Apr 2014, 17:48
ޖީއެސްޓީ އާއި އެކު ޑިއުޓީ ނަގަމުން ގެންދިއުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށް އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހިންގާ ކޮމެޓީގެ ބައްދަލުވުން ނިންމާލެއްވުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ނުނަގާ އެތައް އެއްޗަކުން އިމްޕޯޓް ޑިއުޓީ ނަގަން އަލުން ފެށުމުން ޖީއެސްޓީއާއެކު ޑިއުޓީ ނަގަން ފެށުމަކީ ބޭ އިންސާފެއް ކަމަށެވެ. އަދި އެއީ ދައުލަތް ހަމަޖެއްސުމަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ޖީއެސްޓީ ނަގަމުން ޑިއުޓީ ނަގަމުން ގެންދިއުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް އެންމެ ނިކަމެތި މީހާގެ ދަތް އުނގުޅާ ބޭސްފުޅިން ނަގާ ޓެކްސްގެ މިންވަރާ، އަދި އެންމެ ތަނަވަސް ސާދާގަރެއްގެ ދަތް އުނގުޅާ ބޭސްފުޅިން ނަގާ ޓެކްސް މި ދަނީ އެއްވަރު ވެގެން. އެއީ ދައުލަތުގެ އާމްދަނީ ހަމަޖައްސަން ބުއްދިވެރި ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ޑިއުޓީ ފަދަ ނުސީދާ ޓެކްސްތަކަކީ އިގްތިސާދަށް ވަރަށް ގެއްލުން ލިބޭ ޓެކްސްތަކެއް ކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އާމްދަނީ އިތުރު މީހުން ދައުލަތަށް ބޮޑު އެއްޗެއް ދައްކަންޖެހޭ ގޮތަށް އޮތުމަކީ ދައުލަތައް ހަމަޖެއްސުމަށް އެންމެ ރަނގަޅު ގޮތްކަން އެހެން ގައުމުތަކުން ވެސް ފެންނަން އޮތް ކަމަށެވެ.
މީގެ އިތުރުން، އާމްދަނީ ހަމަޖައްސަން ޖެހޭނީ އާމްދަނީގެ ޓެކްސްގެ ބިލް މަޖިލީހަށް ގެނެސް، އެ ބިލް ފާސްކޮށްގެން އޭގެން ލިބޭ އާމްދަނީން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސުން ލިބޭ އާމްދަނީ މަދުވެއްޖެ ކަމަށާއި އެކަމުގެ ސަބަބުން ވިޔަފާރީގެ ފައިދާ ކުޑަ ވެއްޖެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވިޔަފާރިތައް ވަރަށް ބޮޑަށް ހީނަރުވެގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ 21 ބާވަތަކުން އަލުން ޑިއުޓީ ނަގަން ފަށައި، ޑިއުޓީ ބޮޑު ކުރުމަށެވެ. ފޭރާމުގެ ގިނަ ބާވަތްތަކުގެ ޑިއުޓީ ވަނީ 15 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. އިންޕޯޓް ޑިއުޓީ ނަގަން ފެށުމުން އިންފްލޭޝަން މަތިވެގެންދާނެ ކަމަށް ގަވަރުނަރު ޑރ. އަޒީމާ އާދަމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.